English Edition
Dhivehi Edition

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮމިއުނިޓީ ފަންޑްގެ ނަމުގައި މުޖުތަމައުގެ އެކި މަސައްކަތްތަކަށް ހަލައްކަ ރުފިޔާ ހަމަޖައްސައި އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި އަހަރަކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު ވަނީ ހުޅުވާލާފައެވެ. އަދި މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ފަންޑަށް އެދި ހުށައެޅުމުގެ މުއްދަތު ހަމަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް އެ ކުންފުނިން ކަނޑައަޅާފައިވެއެވެ. އެ ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމަށް އިސްކަން ދޭއިރު، މިހާތަނަށް ފަންޑަށް އެދި 2 ފަރާތަކުން ފޯމު ހުށައަޅާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
މި ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފައެވެ. އެގޮތުން 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު، އަދި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

ފަންޑަށް އެދި ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި އދގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 އިންސައްތަ ދޭނެކަމަށް އެމްޕީއެލް އިން ހާމަކޮށްފައިވެއެވެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 އިންސައްތަ ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮޖެކްޓް ޕްލޭނާއި އިމްޕްލިމެންޓް ކުރާ ގޮތަށް 30 އިންސައްތަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލަށް 10 އިންސައްތަ ދޭނެކަމަށް އެމްޕީއެލް އިން މަޢުލޫމާތު ދީފައިވެއެވެ.

ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތަކާއި ސްކޫލްތަކަށް ކުރިމަތިލެވޭނެއެވެ. ކޮމިއުނިޓީ ފަންޑަށް އެދި ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމަކުންނެވެ.

އެމްޕީއެލް އިން ބުނީ، ވޭތުވެދިޔަ އަހަރުތަކުގައި އެކުންފުނިން ދިޔައީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން އެކުންފުނީގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު އެކުންފުނިން ހުޅުވާފައިވާ ފުރުސަތުގެ ބޭނުންކޮށް، ވީހާވެސް ގިނަ ފަރާތްތަކުން ކޮމިއުނިޓީ ފަންޑަށް ކުރިމަތިލުން ކަމަށެވެ.