ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލް އިން އެއްމިލިއަން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފިއެވެ.
ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމް ވަނީ އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމަށް ޕްލެޖްގެ ލިޔުން ހަވާލުކުރައްވައިފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ ޖޫން 5 ވަނަ ދުވަހުގައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.
އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އެމްޕީއެލްއިން ރަސްމީކޮށް ފެށީ ތިލަފުށީގައެވެ. މި މި ހަރަކާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރާއި އެ ކުންފުނީގެ ސީއީއޯގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގައި ގިނަ ކުންފުނިތަކެއް މިހާރު ވެސް ބައިވެރިވަމުން އަންނަ ކަން ފާހަގަ ކުރައްވަވައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ އެމްޕީއެލުން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
މިހަރަކާތުގެ ތެރެއިން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވަނީ “ގަސް އިންދުމުގެ ޕްލެޖް” ގައި ސޮއިކުރައްވާފައެވެ. އެއަށްފަހު ޕްލެޖް ވަނީ ވަޒީރާ ހަވާލުކުރައްވާފައެވެ.
ވަޖީޙް ވިދާޅުވީ ރައީސްގެ ވައުދުފުޅާއެއްގޮތަށް ފަސް މިލިއަން އިންދުމުގެ ޕްރޮގްރާމުގެ ދަށުން ފަސް އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އެމްޕީއެލްއިން އިންދާނެކަމަށެވެ. އަދި އެކުންފުނިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ކްލަބާއި ޖަމިއްޔާތަކާއި ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށާއި މިކަމަށް ވަކި ޓާސްކްފޯހެއް އެކުލަވާލައްވާނެކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ ގިނަ ގަސްތައް އިންދުމަށް އެމްޕީއެލްއިން އިސްކަންދެއްވާނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.