ފަރަންސޭސިވިލާތަށް ނިސްބަތްވާ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބާޕޭގެ މާކެޓް އަގު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ލަފާކޮށްފިއެވެ.
ފްރާންސްގެ ވާތު ފިޔައިގެ ސިޔާސީ ބޭފުޅެއް ކަމުގައިވާ ޑެނިއެލް ކޯން ބެންޓިތު ލަފާކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާޢި ގުޅިގެން ނަން މަޝްހޫރު ކުޅުންތެރިންގެ އަގު ވަރަށް ބޮޑަށް ދަށަށް ދާނެއެވެ.
އެގޮތުން، ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި އެމްބާޕޭގެ އަގު ހުންނާނީ އެންމެ ބޮޑު ވިޔަސް 35 އާއި 40 މިލިއަން ޔޫރޯ އާއި ދެމެދުގެ އަގެއްގައި ކަމަށެވެ. އަދި ދެން އެމްބާޕޭގެ އަގު 200 މިލިއަން ޔޫރޯއަށް ނާރާނެ ކަމަށް ވެސް ޑެނިއެލް ވަނީ ބުނެފައެވެ.
ފުޓްބޯޅަ ކުޅުންތެރިންގެ އަގުތައް ދަށަށް ދާނެ ކަމަށް ފަރަންސޭސި ސިޔާސީ ބޭފުޅާކު ލަފާކުރެއްވި އިރު ގިނަ ފުޓްބޯޅަ ކްލަބްތަކަށް ކޮވިޑް-19ގެ ސަބަބުން މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން މީގެ ކުރިން ވެސް ވަނީ ލަފާކޮށްފައެވެ.
ފްރާންސްގެ ގައުމީ ޓީމާއި އެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް އުފުލާލި އެމްބާޕޭ މިހާރު ކުޅެމުން އަންނަ ޕީއެސްޖީން އޭނާ ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް މީގެ ކުރިން މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްބާޕޭ ހޯދުމަށް 200 މިލިއަން ޔޫރޯގެ އަގެއް ދެއްކުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށެވެ.
2017 ވަނަ އަހަރު ފްރާންސްގެ މޮނާކޯ އިން ޕީއެސްޖީއަށް އެމްބާޕޭ ބަދަލުވި ޑީލުގެ އަގު 180 މިލިއަން ޔޫރޯއަށް އަރާނެ ކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.