English Edition
Dhivehi Edition
People wear protective masks to protect themselves from the Coronavirus, on Rabin square in Tel Aviv, on April 18, 2020. Photo by Miriam Alster/FLASH90 *** Local Caption *** ?? ???? ?????? ???? ????

(ތެލްއަވީވް- 19 އޭޕްރީލް) : އިޒްރާއީލުގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 13265 އަށް އަރާފައިވާ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ގައުމުގެ ސިއްހީ ވުޒާރާއިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 164 މީހަކު ވަނީ ކޮވިޑް19 ޖެހިގެން މަރުވެފައެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އިޒްރޭލް ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އެގޮތުން ތައުލީމު ފޯރުކޮށްދޭ ހުރިހާ މަރުކަޒެއް ބަންދުކޮށް ބޭރުގައި ދެ މީހުންނަށް ވުރެ ގިނައިން އެއްކޮށްއުޅުން ވެސް ވަނީ މަނާކޮށްފައެވެ.

އިޒްރޭލުން ކޮވިޑް19 އާއި ދެކޮޅަށް ފިޔަވަޅުތައް އެޅި ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަރިހުގައި މަސައްކަތްކުރާ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ނަތަންޔާހޫ ވެސް މިހާރު ހުރީ ކަރަންޓީންކޮށްފައެެވެ.

އިޒްރޭލުން ކޮވިޑް19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އޭރު ޕޮޒިޓިވްވި އަންހެން މީހާ އަކީ ޖަޕާނުގައި ކޮވިޑް-19 ޖެހިފައިވާ މީހުންތަކެއް ފެނުނު ކްރޫޒް ޝިޕުން ކަރަންޓީން ކުރުމަށްފަހު އިސްރާއީލަށް އައި 11 މީހުންގެ ތެރެއިން މީހެކެވެ.

މީގެ އިތުރުން އިޒްރޭލުން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 13 ހާހަށް ވުރެ މައްޗަށް ޖެހިލާފައި މިވަނީ އެ ގައުމުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތައް ލުއި ކުރުމަށް ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ކޮވިޑް19 އަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާއިރު އެ ބަލި ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކުން ވެސް ވަނީ ނުކުޅެދިފައެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 2,330,986 މީހުންނަށް މުޅި ދުނިޔެއިން ކޮވިޑް 19 ޖެހި އޭގެ ތެރެއިން 160,757 ވަނީ މަރުވެފައެވެ. އަދި 596,687 މީހުން ވަނީ ކޮވިޑް19 ޖެހުމަށް ފަހު އެ ބަލިން ރަނގަޅުވެފައެވެ.