English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން ގިނަ ގައުމުތަކެއް ލޮކްޑައުންކޮށް، ކުޅިވަރު ހަރަކާތްތައް ހުއްޓާލާފައިވީ ނަމަވެސް އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ޓައިވާނުގެ ބޭސްބޯލް ސީޒަނުގެ މެޗުތައް ވަނީ މެދުކެނޑުމަކަށް ފަހު ފަށާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓަާއޯޔުއާން ގައި ހުންނަ ޓަާއޯޔުއާން އިންޓަނޭޝަނަލް ބޭސްބޯލް ސްޓޭޑިއަމްގައި ކުޅެވުނު މެޗުން ރަކުޓެން މަންކީސް ވަނީ 15-3 އިން ޔުނި ލަޔަންސް ބަލިކޮށްފަ އެވެ. އެކަމަކު، 20،000 މީހުންނަށް ކުޅިބަލަން ވަދެވޭ މިދަނޑުގައި މެޗު ކުޅެވިގެން ދިޔައީ އެއްވެސް ސަޕޯޓަރަކާ ނުލައެވެ.

ގާތްގަނޑަކަށް 24 މިލިއަނުގެ އާބާދީއެއް އޮތް ޓައިވާނުން މިހާތަނަށް 398 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވީނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅިން އަލަށް ބަލިޖެހިފައިވަނީ އެންމެ 3 މީހުންނަށެވެ. އަދި އެ ގައުމުގައި ބަލިޖެހުނު މީހުންގެ ތެރެއިން 178 މީހުން ރަނގަޅުވެފައިވާއިރު، މިހާތަނަށް އައިއިރު މަރުވެފައިވަނީ 6 މީހުންނެވެ.

އެހެންކަމުން، އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ގަބޫލު ކުރެވޭތީވެ، ކުޅިވަރު ހަރަކާތްތައް ބޭއްވުމަކަށް އެއްވެސް ހުރަހެއް ނެތެވެ.

މިކަމާ ގުޅޭ ގޮތުން، ޓައިވާނުގައި ކުޅެވޭ އެކި ކުޅިވަރުތަކުގައި އިނގިރޭސި ބަހުން ކޮމެންޓްރީ ދެމުން އަންނަ ފަރާތެއް ކަމަށްވާ ރިޗަޑް ވޭން ބުނީ، އެކި ކުޅިވަރު ހަރަކާތްތައް މި ދަނޑިވަޅުގައި ބޭއްވެމުން އެ ދެވެނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އެ ގައުމު އަރައިގަތުމުން ކަމަށެވެ.

ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެ އިން 2.29 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 150,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް ގާތްގަނޑަކަށް 587,660 މީހުން ވަނީ މުޅިން ރަނގަޅުވެފައެވެ