English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް އިންޑޮނޭޝިޔާ އިން ރެކޯޑް އަދަދެއް ކަމަށްވާ 407 މީހުން އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

މި އަހަރުގެ ޖަނަވަރީ އާއި ފެބުރުއަރީ މަހުގެ ފަހުން އެއް ދުވަސްތެރޭ މިހާ ގިނަ އަދަދެއްގެ މީހުން އިންޑޮނޭޝިޔާ އިން ޕޮޒިޓިވްވެފައެއް ނުވެ އެވެ. އަދި މިއާއެކު އިންޑޮނޭޝިޔާ އަކީ ދެކުނު އިރުމަތީ އޭޝިޔާގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ.

އެގައުމުގައި ޕޮޒިޓިވްވާ މީހުންގެ އިތުރުވަމުން އަންނަ އިރު އިއްޔެ ކޮވިޑް-19 ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު މި ބަލި ޖެހިގެން އިންޑޮނޭޝިޔާ އިން މަރުވި މީހުންގެ އަދަދު ވަނީ 520 އަށް އަރާފައެވެ.

އިންޑޮނޭޝިޔާ އިން މިހާތަނަށް ވަނީ ގާތްގަނޑަކަށް 5,923 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން، 607 މީހުން މިހާތަނަށް އައިއިރު ރަނގަޅުވެފައިވާއިރު، ހޮސްޕިޓަލްގައި މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 4,796 އެވެ.

މުޅި ދުނިޔެ އިން މިހާތަނަށް 2,259,046 މީހުން ޕޮޒިޓިވެފައިވާއިރު، މަރުވެފައި ވަނީ 154,392 މީހުންނެވެ. އަދި މި ބަލީގައި މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 576,039 އެވެ.