ބަލި މީހުން ގެ ނަން ހާމަ ކުރެވޭ 4 ޙާލަތެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ޢާއްމު ކޮށްފިއެވެ. މިކަން ޢާއްމުކޮށްފައިވަނީ ވަކި ޙާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަ ކުރުމަކީ މުހިއްމު ކަމެއްކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިއްޖެ ހިނދެއްގައި ޢާއްމުކޮށް ނަން ހާމަކުރުމުގައި ޢަމަލު ކުރާނެ އުސޫލްތައް ބަޔާން ކުރުމަށް ގެޒެޓްގައި ޝާއިޢު ކުރި ޤަވާޢިދުގައެވެ.
މިޤަވާޢިދުގައިވާ ގޮތުން ކަނޑައެޅިފައިވާ ވަކި ޙާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެރުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ޢާއްމުކޮށް ހާމަ ކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ބަލިމީހުންގެ ނަން ހާމަ ކުރެވޭނެ ޙާލަތްތަކަކީ
1- ނަން ހާމަ ނުކޮށް ޢާއްމު ސިއްޙަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތި ވާ ޙާލަތު
2- މުޖުތަމަޢުގެ ޢާއްމު ސިއްޙަތަށް ސީދާ ގޮތުން ބޮޑު ނުރައްކާތެރި ކަމެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ޤަބޫލު ކުރެވޭ ޙާލަތު
3- މަރުގެ ސެޓްފިކެޓްގައި އެމީހަކު މަރުވެފައިވަނީ ނުރައްކާތެރި ބައްޔެއްގައިކަމަށް ބަޔާން ކޮށްފައިވާނަމަ
4- ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ޤާނޫނުގައިވާ ގޮތުގެ މަތިން ކަރަންޓީން ކޮށް އެކަހެރި ކުރުން ފަދަ ކަމަކަށް އެންގުމުން އެ އެންގުމާއި ޚިލާފު ވާ ފަރާތްތަކާއި އެއްބާރުލުން ނުދޭ ފަރާތްތައް.
މިޤަވާޢިދުގައި ހާމަ ކުރެވޭނެ މަޢުލޫމާތާއި މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުރިހަމަ ނަމާއި ޤައުމީ ނިސްބަތް، ދާއިމީ އެޑްރެސް، ،މިހާރު ދިރިއުޅޭ އެޑްރެސް، ވަޒީފާ އަދާ ކުރާ ތަން، ފޮޓޯ އަދި ބަލީގެ ނަމާއި ބާވަތެވެ.
މިއަދުން ފެށިގެން މި ޤަވާޢިދަށް މިހާރުވަނީ ޢަމަލު ކުރަންފަށާފައެވެ.