English Edition
Dhivehi Edition
13 އޭޕްރީލް 2020 ވަނަ ދުވަހު ހުޅުމާލޭގެ މަގުތައް ފުލުހުން މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ޙާލަތުގައި މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗައް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާ މުއްދަތުގެ ތެރޭގައި، މިހާތަނަށް ގުދަންތަކުންނާއި ފިހާރަތަކުން މުދާ ފޯރުކޮށްދެމުން ގެންދާ ވިޔަފާރިތަކުގެ އިތުރުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭގެއަށާއި ފިހާރަތަކަށް މުދާ ފޯރުކޮށްދޭން ފަށަން ބޭނުންވާ ހުރިހާ ފަރާތްތަކުން، ތިރީގައިވާ ތަފްޞީލު މިނިސްޓްރީއާ ޙިއްޞާ ކޮށްދެއްވުމަށް އަންގައިފަ އެވެ.

އެގޮތުން ވިޔަފާރީގެ ނަމާއި، ޒިންމާވާ ފަރާތުގެ ފުރިހަމަ ނަން އަދި މޯބައިލް ނަންބަރުގެ އިތުރުން މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ޞަރަޙައްދު ބަޔާންކޮށް އެ މިނިސްޓްރީ އަށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.

އެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެ މަޢުލޫމާތު ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި މާލެ ސަރަޙައްދު 14 ދުވަހުގެ މުއްދަތަކަށް ފުރަބަންދުކޮށްފައިވާއިރު، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފިހާރަތަކުން ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.