މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ބަލި ޖެހޭ މީހުންގެ އަދަދު އެފްރިކާގެ ޤައުމުތަކުގައި ހަލުވި ސްޕީޑެއްގައި އިތުރުވަމުން އަންނަ ކަމަށް ރެޑް ކްރޮސްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އެގޮތުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް (އައިއެފްއާރުސީ) ގެ އެފްރިކާގެ ރީޖަނަލް ޑައިރެކްޓަރ ޑރ. ސައިމަން މިސީރި ވަނީ އެ ބައްރުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، މިއީ އެ ބަލިމަޑުކަމާއި ދެކޮޅަށް އަމަލީ ގޮތުން މަސައްކަތްތައް ފަށަންވީ ވަގުތު ކަމަށް ބުނެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓަރ ޑރ. މަޓްޝިޑިސޯ މޮއެޓީ ވަނީ އެފްރިކާގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން އެ ބައްރުން މިހާތަނަށް 19,000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، ގާތްގަނޑަކަށް 969 އެއްހާ މީހުން މަރުވެފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި ވެސް އެފްރިކާގެ ގިނަ ގައުމުތަކުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނަ ކަމަށާއި، މި ރޯގާ ގެ ސަބަބުން އެ ބައްރަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑު ކަމަށް ވެސް މޮއެޓީ ވިދާޅުވި އެވެ.
މީގެއިތުރުން، ޑަބްލިއުއެޗްއޯ އަށް މާލީގޮތުން އެމެރިކާ އިން ދެމުން އަންނަ އެހީދިނުން ހުއްޓާލުމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއި ގުޅިގެން މޮއެޓީ ވިދާޅުވި މިކަމުގެ ސަބަބުން ގެއްލުންތައް ކުރިމަތިވާނީ ހަމައެކަނި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެކަނި ނޫންކަމަށާއި، މިހާތަނަށް އައިއިރު އެފްރިކާގައި ޕޯލިއޯ ނައްތާލުމަށާއި، އެޗްއައިވީގެ އިތުރުން މެލޭރިއާ އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ބުރޫ އަރާނެކަމަށެވެ.
ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެ އިން 2.18 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 146,898 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް ގާތްގަނޑަކަށް 553,227 މީހުން ވަނީ މުޅިން ރަނގަޅުވެފައެވެ. މިހާތަނަށް އައިއިރު އެފްރިކާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިސްރުންނެވެ.