English Edition
Dhivehi Edition
މާލޭގައި ހުންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - ފޮޓޯ: މުޙައްމަދު ޝަރުހާން (މިހާރު)

އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބެން ހުންނާނެ ގޮތް ހަމަޖައްސާނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު ބުނީ ކުރިއަށް އޮތްތަނުގައި ވެސް އަސާސީ ބޭންކިން ޚިދުމަތްތައް ލިބެން ހުންނާނެ ގޮތް އެމްއެމްއޭ އާއި ބޭންކުތަކުން ހަމަޖައްސާނެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް ލަސްވެގެން އަންނަ އާދިއްތ ދުވަހު އިޢުލާންކުރާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މި ހަފްތާގައިވެސް ސަރުކާރު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތައް ހައްލުކުރުމަށްޓަކައި އެމްއެމްއޭ އާއި ބޭންކްތަކުން ވަނީ މި ހަފްތާގެ ތިން ދުވަހު ޚިދުމަތް ދިނުމަށް ނިންމައިފަ އެވެ. އެގޮތުން މި ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު ބޭންކްތަކުން ޚިދުމަތްދީފައިވާއިރު، ކުރިން އޮތީ މިއަދުވެސް ބޭންކްތައް ހުޅުވުމަށެވެ.

ނަމަވެސް އިއްޔެ މާލެ ސިޓީން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެއްވެސް ބޭންކެއް މިއަދު ނުހުޅުވުމަށް ވަނީ ނިންމައިފަ އެވެ.

މިހާތަނަށް މާލެއިން ޖުމްލަ 03 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ކޮވިޑް-19 އަށް މާލެ ސިޓީން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ ވަނީ މިހާރު ފުރަބަންދުކޮށްފަ އެވެ. އަދި މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 23 އަށް ވަނީ އަރައިފަ އެވެ. އޭގެ ތެރޭގައި 08 ދިވެހިން ހިމެނޭއިރު، އިއްޔެ މާލެއިން ފެނުނު ކޭސް އަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.