ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ ފޮޓޯއާއި މަޢުލޫމާތު މީސްމީޑިއާގައި ދަޢުރު ނުކުރުމަށް ޑރ ނަޒްލާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަލިމީހާގެ މަޢުލޫމާތު އާއްމު ނުކުރަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ ބަލިމީހާގެ ހުއްދަޔާއި ނުލައި މިފަދަ އެއްވެސް ޒާތީ މަޢުލޫމާތެއް ޙާމަކުރުމަކީ ސިއްޙަތުގެ ޤާނޫނުވެސް މަނާކަމެއްކަމަށެވެ.
“ބަލިމީހާގެ މައުލޫމާތު އާއްމުކުރުމުން އެހެން މީހުންނަށް ރައްކާތެރިކަން ލިބޭނެކަމަށް އަމިއްލަ ނަފުސަށް ޤަބޫލު ކުރެވޭ ޤަބޫލު ކުރުމަކީ ކުށްހީއެއް” ނަޒްލާ ވިދާޅުވިއެވެ.
މާލެއިން މީހަކު ބައްޔަށް ޕޮޒިޓިވްވި ވަގުތުން ފެށިގެން، ޕޮޒިޓިވްވިކަމަށް ބުނާ މީހާގެ ފޮޓޯތައް ކަމަށްބުނެ ފޮޓޯތަކަކާއި އޭނާގެ ޒާތީ މައުލޫމާތު ބަޔަކު ދިޔައީ، ސޯޝަލް މީޑިއާގައި ދައުރުކުކުރަމުންނެވެ.
ޑރ ނަޒްލާ ވިދާޅުވީ އެގޮތަށް މީހެއްގެ މައުލޫމާތު އާއްމު ކުރުމަކީ އެތަށް ގޮތަކުން ނަފްސާނީ އަސަރުތަކެއް ކުރާނެ ކަމަކަށްވާއިރު، މީގެކުރީގައިވެސް އެޗްއައިވީއާއި ޓީބީފަދަ ބަލިތައް ޖެހޭމީހުންގެ މަޢުލޫމާތުވެސް އާއްމު ނުކުރާކަމަށެވެ. ޚާއްސަކޮށް މިފަދަ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އޮތް ވަގުތުގައި މީހާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ކަމާބެހޭ އިދާރާއަކުން ހާމަނުކުރައްވާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ފެނުނު ކޮވިޑް-19ގެ ކޭސްތަކުގެ ތެރެއިން މާލެތެރެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް އަދި ބަލިޖެހިފައިވާ މީހަކާއި ސީދާ ބައްދަލުވި މީހެއްކަން އެނގޭ މީހެއް ނޫނެވެ. އަދި މާލެއިން އޭގެފަހުން ޕޮޒިޓިވްވި 2 މީހުންނަކީ އޭނާގެ ކިބައިން ވައިރަސް އެރި މީހުންނެވެ.
މިއީ ކޮމިއުނީ ސްޕްރެޑެއްގެ ގޮތުގައި ނުވަތަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކުން ކޯވިޑް-19 ފެނުނު ފުރަތަމަ ފަހަރެވެ. މި މީހުން މާލެއިން ޕޮސިޓިވް ވުމާއިއެކު މުޅި މާޙައުލު މިބަނީ ބަދަލުވެފައެވެ. މާލޭގެ އެލަރޓް ލެވެސް ރަތަށް ބަދަލުކޮށް 24 ގަޑިއިރުގެ ލޮކްޑައުން ހާލަތަކަށް ވަނީ ގެނެސްފައެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، މި ކަމުގައި ޝާމިލްވާ ހުރިހާ މުއައްސާއެއް ވަނީ ތައްޔާރީ ހާލަތުގައެވެ. މިވަގުތުގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރަމުންދާ މަސައްކަތަކީ ބައްޔަށް ޝައްކުވާ، ނުވަތަ ބަލި ޖެހުނު މީހުނާއި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތެވެ.
މިހާތަނަށް ބެލިބެލިމުން މާލޭގެ ގެތަކަކާއި، 3ރަށަކާއި އަދި ބައްދަލުވި މީހުން ދެނެގަތްއިރު 59އަށް ވުރެ ގިނަ މީހުންނަށް ވަނީ އައިސޮލޭޓްވުމަށްވެސް އަންގާފައެވެ.