English Edition
Dhivehi Edition
ޕީއެސްއެމް އިން ގެނެސްދިން ޓެލެކްލާސް ވީޑިއޯއެއްގެ ސްކްރީންޝޮޓެއް -

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމާއި ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޓެލިކިލާސްތައް މެދުކަނޑާލައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ބުނީ 2020 އޭޕްރިލް 15ގެ 15:30ގެ ފަހުން ފެށިގެން 24 ގަޑިއިރުގެ މުއްދައްތަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލެވިފައިވާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ފުރަބަންދުކުރީ މާލެ ސިޓީން ކޮވިޑް-19 އަށް އަލަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން މާލެ ސިޓީގެ ދެ ގެއަކާއި އައްޑޫ ސިޓީ ހިތަދޫ ގެއެއްވެސް ވަނީ މިހާރު އެކަހެރިކޮށްފަ އެވެ.

މީގެ އިތުރުން އެ މީހާއާއި ސީދާ ކޮންޓެކްޓްވި ދިވެއްސެއްގެ ގައިން ނެގި ސާމްޕަލް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 22 އަށް އެރީއެވެ.

މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނިކުތުން މަނާކޮށްފައެވެ. އަދި ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގައި ފެރީ އަދި ބަހުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާއިރު މި ރަށްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށްޓަށްވެސް މީހުން އަރާ ފޭބުންވަނީ މަނާކޮށްފައެވެ.

އަދި އެޗްޕީއޭ އިން ބުނީ ބުނީ މާލެ ސިޓީ “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.