މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ވޭތުވެދިޔަ ދެ ދުވަހު ސިންގަޕޫރުން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވުމާއެކު، އެ ގައުމުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަށް އަންގައިފިއެވެ.
އެގޮތުން، ސިންގަޕޫރުގައި އިއްޔެ 334 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ކުރީ ދުވަހު ބަލިޖެހުނު މީހުންގެ އަދަދުވަނީ 386 އަށް އަރާފައެވެ.
މިކަމާ ގުޅިގެން، ސިންގަޕޫރުގެ މަގުތައް މަތީގައި މާސްކު ނާޅާ އުޅޭ މީހުންނަށް އަދަބެއްގެ ގޮތުން 212 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، މި ކުށް ތަކުރާރުކުރާނަމަ ކޯޓު އަމުރެއްގެ ދަށުން އެއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވެއެވެ. އެހެންނަމަވެސް، މިކަމުގައި އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، ވޭތުވެދިޔަ ދެ ދުވަހު އެ ގައުމުގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، މިހާތަނަށް މި ބަލީގައި ވަނީ 10 މީހުން މަރުވެ ފައެވެ.
މިދިޔަ ޑިސެންބަރު މަހު ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަަމަ ފެނުނު ކޮރޯނާވައިރަހަށް ސިންގަޕޫރުގައި މިހާތަނަށް 3,252 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 611 އެއްހާ މީހުން ވަނީ މުޅިން ރަނގަޅުވެގެން ދޫކޮށްލާފައެވެ. އަދި މި ބައްޔަށް 2631 މީހުން ހޮސްޕިޓަލްގައި މިވަގުތު ފަރުވާ ހޯދަމުން އަންނައިރު، 29 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ.
މިހާތަނަށް އައިއިރު، މި ރޯގާ ކޮންޓްރޯލް ކުރުމުގައި ސިންގަޕޫރުން ނަމޫނާ ފިޔަވަޅުތަކެއް އަޅާފައިވާއިރު ކޮރޯނާވައިރަހުގެ ހާލަތު އެ ގައުމުގައި އިތުރަށް ގޯސް ވިޔަނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަގުމައްޗަށް ނިކުންނައިރު މާސްކު އެޅުމަށް މަޖުބޫރުކޮށް، ދަތިކަމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް ހިލޭ މާސްކު ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭނެކަމަށް ހާމަކޮށްފައިވެއެވެ.