ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަވަށްޓެރި އިންޑިއާގެ ޓްރިވެންޑްރަމުން 10.7 ޓަނުގެ މުދާ ރާއްޖެ ގެނެސްފި އެވެ.
މޯލްޑިވިއަނުން ބުނީ އެ ކުންފުނީގެ ކާގޯ ފްރައިޓަރ ގައި މިއަދު މެންދުރުފަހު 10،665 ކިލޯގެ މުދާ ޓްރިވެންޑްރަމުން މާލެ ގެނެސްފައިވާ ކަމަށެވެ. މޯލްޑިވިއަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތައިލެންޑްގެ ވެރިރަށް ބެންކޮކުން 12.5 ޓަނުގެ ކާގޯވެސް ރާއްޖެ ގެނެސްދީފަ އެވެ. އަދި މޯލްޑިވިއަނުން ވަނީ ހުކުރު ދުވަހުގެ ރޭ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އެންމެ މަޝްހޫރު އެއް ސިޓީ ކަމަށްވާ ދުބާއިންވެސް 6700 ކިލޯގެ މުދާ މާލެ ގެނެސްފައެވެ. އަދި އާދިއްތަ ދުވަހުގެ ރޭ ސްރީ ލަންކާއިންވެސް 08 ޓަނުގެ މުދާ ވަނީ ރާއްޖެ ގެނެސްފަ އެވެ.
Our #CargoFreighter from #TRV landed at @VelanaAirport a short while ago with 10665 Kgs. Another shipment is scheduled to arrive tonight from #Chennai . #Maldivian pic.twitter.com/BFVtDbGnOT
— Maldivian (@MaldivianAero) April 15, 2020
އަދި ކުރިއަށް އޮތް ތަނުގައިވެސް ޑިމާންޑަށް ބެލުމަށްފަހު އިތުރު އެހެން ޤައުމުތަކަށްވެސް ކާގޯ ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
އެގޮތުން އިންޑިއާ އާއި ދުބާއީ އަދި ބެންކޮކްފަދަ ތަންތަނުންވެސް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އަދިވެސް ކޮންޓްރޯލް ނުކުރެވި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ބަލީގެ ސަބަބުން ގިނަ ޤައުމުތައް ލޮކްޑައުން ކޮށްފައިވާއިރު، ރާއްޖެއަށް އަންނަ ގިނަ ފްލައިޓްތައްވެސް ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވިޔަފާރިވެރިންނަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ.
މޯލްޑިވިއަނުން ދަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި އެހީގެ ތަކެތި ގެންގޮސްދީފައިވާއިރު، މޯލްޑިވިއަނުން ވަނީ ލަންކާ އާއި އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަދި މެލޭޝިޔާގައި ތާށިވެފައި ތިބި ބައެއް ދިވެހިންވެސް އަނބުރާ ރާއްޖެ ގެނެސްދީފައެވެ.
މީގެ އިތުރުން ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 16 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ބެންކޮކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ޔޫއޭއީގައި އުޅޭ ދިވެހިންނަށްވެސް ކެއަރ ޕެކެޖް ފޮނުވުމުގެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ.