English Edition
Dhivehi Edition

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) ގެ ފުރަތަމަ އެސެމްބްލީގައި ފުރަތަމަ ފަހަރަށް އެއް އިރު، އެއް ދުނިޔެ، އެއް ގްރިޑް (އޯއެސްއޯވޮގް) ގެ ޚިޔާލު ހުށަހެޅުއްވާފައެވެ. އެގޮތުން، ނޮވެމްބަރު 2021 ގައި ސީއޯޕީ26 ގެ ތެރޭގައި އިނގިރޭސިވިލާތުން ގްރީން ގްރިޑްސް އިނިޝިއޭޓިވް (ޖީޖީއައި) ތައާރަފްކުރީ އިންޑިއާ އާއި އިނގިރޭސިވިލާތުން ޙިއްސާވާ 2030 ވަނަ އަހަރުގެ ވިޝަންގައި ނެޓް ޒީރޯގެ މުހިއްމު އިންއޭބަލަރެއްގޮތުގައެވެ. ދެ ޤައުމުގެ އަމާޒަކީ އިއާދަކުރަނިވި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ދިނުމަށްޓަކައި އެކުވެރި އޮނިގަނޑެއް ޤާއިމުކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ޤައުމެއްގެ ހަކަތައިގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައި ސާފު އަދި ހަރުދަނާ ހަކަތައަކީ އިތުބާރުކުރެވޭ ހަކަތައަކަށް ހެދުމެވެ.

ޖީޖީއައި އާއި އޯސޯވޮގް އިނީޝިއޭޓިވް އިފްތިތާހުކޮށްފައިވަނީ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) އާއި ވޯލްޑް ބޭންކް ގްރޫޕް (ޑަބްލިއުބީ) އާ ގުޅިގެން އިންޑިއާ އާއި އިނގިރޭސިވިލާތް ގުޅިގެން ކުރިއަށް ގެންދާ ބައިލެޓަރަލް ޕާޓްނާޝިޕްގެ ދަށުންނެވެ. އިއާދަކުރަނިވި ހަކަތައަށް ދުނިޔެ ބަދަލުވުމުގެ މައްޗަށް އަލިއަޅުވާލައި، މި މަސައްކަތްތައް، ޖީޖީއައި-އޮސޯވޮގްގެ ނަމުގައި އެއްބައިވަންތަ މަސައްކަތަކެއްގެ ގޮތުގައި އެއް އަމާޒަކަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރުއަޅައެވެ. ފުރަތަމަ ފަހަރަށް ގުޅިފައިވާ ސޯލާ ގްރިޑްތަކުގެ ބައިނަލްއަގްވާމީ ނެޓްވޯކްގެ ދަށުން 140 ގައުމަކަށް މެދުނުކެނޑި އަވީގެ ހަކަތައާއި ގުޅާލުމަށް މަސައްކަތް ކުރާއިރު، އައިއެސްއޭގެ މެމްބަރު 80 ގައުމަކުން ވަނީ އެކަމަށް ތާއީދުކޮށްފައެވެ.

އޯސޯވޮގް އިނީޝިއޭޓިވްގެ ފަހަތުގައި ވާ ތަސައްވުރަކީ “އިރު އޮއްސުމެއް ނުވާނެ” ފިކުރެވެ. އެވިސްނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިރުގެ ހަކަތަ ބޭނުންކޮށް، ކޮންމެ ވަގުތެއްގައި ވެސް އިރުގެ އަލިކަން ގަދަވަމުންދާ އިރުގެ ހަކަތަ ބޭނުންކޮށް، މި ހަކަތަ ބޭނުންވާ ސަރަހައްދުތަކަށް ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުމެވެ. ގުޅިފައިވާ ގްލޯބަލް ގްރިޑެއް އުފައްދައިގެން، ދުވާލުގެ އަލިކަން ތަޖުރިބާކުރާ ސަރަޙައްދުތަކުން، އަނދިރިކަމުގެ ތެރޭގައި ވާ އެހެން ސަރަޙައްދުތަކަށް އިރުގެ ހަކަތަ ފޯރުކޮށްދީ، ދުނިޔޭގެ ފެންވަރުގައި ހަކަތަ އުފެއްދުމާއި ބޭނުންކުރާ މިންވަރު ބެލެންސްކުރެވިދާނެއެވެ.

ގްލޯބަލް އިންޓަކަނެކްޝަންސް މެދުވެރިކޮށް ބަދަލެއްގެނައުން

އޯ.އެސް.އޯ.އޯ.ޖީ އިނީޝިއޭޓިވް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި އިންޑިއާގެ ގްރިޑު މެދުއިރުމައްޗާއި ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގްރިޑްތަކާ ގުޅާލައި ކޮމަން ގްރިޑެއް ޤާއިމްކުރާނެއެވެ. އެއަށްފަހު އިޔާދަކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތަކުގެ އިތުރުން ބޭނުންވާ ގޮތަށް ސޯލާ ހަކަތަ ހިއްސާކުރުމަށް މި ގްރިޑް ބޭނުންކުރާނެއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ފުރަތަމަ ފިޔަވަހީގެ ފަންކްޝަނަލް ވަސީލަތްތައް އެފްރިކާގެ އިއާދަކުރަނިވި ވަސީލަތްތަކުގެ ޕޫލާ ގުޅާލެވޭނެއެވެ.

ތިންވަނަ ފިޔަވަހީގައި ބަލާނީ 2050 ވަނަ އަހަރުގެ ނިޔަލަށް 2600 ގިގަވޮޓްގެ އިންޓަކަނެކްޝަނަކުން ހަގީގީ ގްލޯބަލް އިންޓަކަނެކްޝަން ހާސިލްކުރުމަށެވެ. އަމާޒަކީ އިއާދަކުރަނިވި ހަކަތައިގެ އެއް ޕަވާ ގްރިޑެއް ޤާއިމްކުރުމުގައި ވީހާވެސް ގިނަ ގައުމުތައް ބައިވެރިކުރުމެވެ.

އޮސޯވޯގްގައި އިންޑިއާގެ ދައުރު

2030 ވަނަ އަހަރުގެ ނިޔަލަށް 500 ގިގަވޮޓްގެ ނޮން-ފޮސިލް ބޭސްޑް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ހާސިލްކުރުމަށް އިންޑިއާއިން ކަނޑައަޅާފައިވާ އަމާޒު ގުޅިފައިވަނީ 2070 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތާއެވެ. އެ ޤައުމު ވަނީ ޕަވާ ޑެފިޝިއަންޓް އިން ޕަވާ ސަފިޝިއެންޓް ކުރެވިފައެވެ. 2023-24 ވަނަ އަހަރު އިތުރުކުރި 9،943 މެގަވޮޓްގެ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 8،269 މެގަވޮޓަކީ ފޮސިލް ފިއުލް ނޫން ވަސީލަތްތަކުން އުފައްދާފައިވާ އުފެއްދުންތަކެކެވެ.

އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އިން އާންމުކުރި އިއާދަކުރަނިވި ހަކަތައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއާދަކުރަނިވި ހަކަތައިގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ކެޕޭސިޓީ ޤާއިމްކުރެވިފައިވަނީ އިންޑިއާގައެވެ.

އިންޑިޔާއިން ކޯލް ބޭސްޑް ފިއުލް ނޫން ގޮތްތައް ހޯދުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ހަކަތައިގެ ޑިމާންޑްތައް ހިފެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. ޖީޖީއައި-އޮސޯވޮގް އަކީ މި އަމާޒަށް ވާސިލްވުމަށް ވަރަށް އުއްމީދީ ޕްލޭނެކެވެ. ކުރިއަށް ލަފާކުރެވޭ ތިން ސަބަބަކާ ގުޅިގެން އިންޑިއާ އިން މިހާރުން މިހާރަށް ސޯލާ ހަކަތައަށް ބަދަލުވާން ޖެހެއެވެ. ފުރަތަމަ ކަމަކީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ހަކަތައިގެ ޑިމާންޑް ކުރިއެރުމުގެ 25 އިންސައްތަ ހިއްސާކުރާނީ އިންޑިއާއިން ކަމުގައިވުމުން، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަމާއި އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އިރުގެ ހަކަތައާ ދިމާލަށް މިސްރާބު ޖަހަން ޖެހިދާނެކަމުންނެވެ. އެކަން ނުކުރުމުން ކޯލް އަދި ތެލަށް ބަރޯސާވުން އިތުރުވެ، އިގްތިސާދީ އަދި ތިމާވެށީގެ ހަރަދުތައް ބޮޑުވެގެންދާނެތީއެވެ. ދެވަނަ ކަމަކީ، ފޮސިލް ފިއުލްގެ ސަބަބުން ވައިގައި އުފެދޭ ތަޣައްޔަރުކަމުން އަރައިގަތުމަށް ސޯލާ ފަދަ ސާފު ހަކަތައިގެ ވަސީލަތްތައް ބޭނުންވާކަން ފާހަގަކުރެވެއެވެ. އެންމެފަހު ސަބަބަކީ، ބިމުގެ ފެންގަނޑުގެ ލެވެލް ދަށަށް ދިއުމާއި، އަހަރަކު ވާރޭ ވެހޭ މިންވަރު ދަށްވަމުން ދާކަމީ ހަކަތައިގެ ވަސީލަތްތައް ޑައިވަރސިފައި ކުރުމުގެ މުހިންމުކަން ހާމަކޮށްދޭކަމެކެވެ. ކޯލްއާއި ހިލާފަށް ސޯލާ ހަކަތައަކީ ބިމުގެ އަޑީގެ ފެނުގެ ސަޕްލައިއަށް ބަރޯސާވާ އެއްޗެއް ނޫނެވެ. ސޯލާ ޕަވަރ ޕްލާންޓްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަކީ ސާފު، އަގުހެޔޮ އަދި ދެމެހެއްޓެނިވި ހަކަތައަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން ނިޒާމީ އަދި ފަރުދީ ލެވެލްގައި ވެސް ފައިދާތަކެއް ލިބިގެންދާނެއެވެ.

ގޮންޖެހުންތަކާއި ކުރިމަގު

140 ގައުމެއްގެ މެދުގައި އެއްބަސްވުމެއް ޤާއިމުކޮށް، ޖިއޯޕޮލިޓިކަލް ގޮންޖެހުންތަކާއި، ބިމާއި ގުޅުންހުރި ލޮޖިސްޓިކް މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި، ވަޔަރ ބްރޭކޭޖް އާއި މާލީ ރައްކާތެރިކަން ހޯދުން ފަދަ ކަންކަމަށް ޙައްލު ހޯދުމަކީ، މި އުއްމީދީ މަޝްރޫޢު ހަގީގަތަކަށް ހެދުމުގައި އިތުރު ދަތިތަކެއް ކުރިމަތިކުރުވާ ކަންކަމެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ހަކަތައިގެ ވަސީލަތްތައް ޤާއިމްކުރުމަށްޓަކައި މައިގަނޑު ކަންތައްތަކަށް ހައްލު ހޯދުމަށް ޓާގެޓެޑް އިންޓަވެންޝަންތައް ބޭނުންވެއެވެ. އޭގެތެރޭގައި ހިމެނޭ ބައިތަކަކީ:

  • އޮގަނައިޒްޑް ކުރިއެރުމަށް ސަޕޯޓިވް ޕޮލިސީ ފްރޭމްވޯކްތައް ގާއިމުކުރުން
  • އަތްފޯރާފަށުގައި ދިގު މުއްދަތުގެ ފައިނޭންސް ހޯދާ، އިނޮވޭޓިވް ފައިނޭންޝަލް އިންސްޓްރޫމަންޓްތައް ބޭނުންކުރުން، މިއީ ބޮޑެތި އަސަރުތައްކޮށްފައިވާ ސަރަޙައްދުތަކުގެ ޕްރޮޖެކްޓްތަކަށް އަދި ޕްރައިވެޓް ސެކްޓަރގެ އިންވެސްޓްމަންޓްތައް ގެނައުމަށް މުހިންމު ކަމެކެވެ.
  • އެކްސެސް ޑެފިސިޓް ގައުމުތަކުގައި ކެޕޭސިޓީ ބިލްޑިންގ އާއި ތަމްރީނުތައް އަސަރުކޮށްފައިވާ ދާއިރާތަކަށް އަމާޒުކޮށް ހިންގުން
  • މިނީ ގްރިޑްތަކާއި ޑިސްޓްރިބިއުޓް ކުރާ އިއާދަކުރަނިވި ހަކަތައަށް އަޕްޑޭޓް ކުރެވިފައިވާ ޑޭޓާ އެކްސެސް އާއި ކޮލިޓީ ސްޓޭންޑަޑްތައް މެދުވެރިކޮށް ފަހި މާހައުލެއް ގާއިމުކުރުން

ވަން ސަން، ވަން ވޯލްޑް، އަދި ވަން ގްރިޑާ ދިމާއަށް މިސްރާބުޖެހުމަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުތަކަށް މުހިންމު މުސްތަގުބަލެއް ލިބިގެންދާނެ ކަމެކެވެ. މި މަޝްރޫޢަކީ ބައިނަލްއަޤްވާމީ އެއްބާރުލުން އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ މަޝްރޫޢެކެވެ. އަދި ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތަގެ ވަސީލަތްތައް ބެލެންސްކޮށް އަދި ހިއްސާކުރެވޭ ގޮތަށް ބޭނުންކުރެވޭނެ މަޝްރޫޢެކެވެ. މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމުމުން ބައިނަލްއަޤްވާމީ ސޯލާ އެލަޔަންސް (އައިއެސްއޭ) ގައި އިންޑިއާގެ ލީޑަޝިޕް ވަރުގަދަވެގެންދާނެއެވެ. އަދި އިންޑިއާގެ އިޤްތިޞާދަށް ވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެވެސް މެއެވެ. ފުޅާ ދާއިރާއެއްގައި ކުރާ މިމަސައްކަތުގެ ތެރޭގައި ދުނިޔޭގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މުޖުތަމައުގެ ދައުރު އިތުރުކުރުން ހިމެނެއެވެ.

ޓެގު