English Edition
Dhivehi Edition
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނަށް ‘ކެއަރ ޕެކެޖް’ ފޮނުވައިދިނުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ޔޫއޭއީގައި ދިރިއުޅޭ ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 17 އޭޕްރީލް 2020 ވާ ހުކުރު ދުވަހު، މޯލްޑިވިއަން އިން ޔޫއޭއީ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓްގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައި ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 16 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 15:00 އަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996 އަދި 3023943 އާއި ގުޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މޯލްޑިވިއަން މެދުވެރިކޮށް ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށްވެސް އެހީގެ ތަކެތި ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދީފައެވެ. އަދި 16 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވައިދިނުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.