English Edition
Dhivehi Edition

އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އުއްމީދީ ފޯވާޑް ލޮޓާރޯ މާޓިނޭޒް، ބާސެލޯނާ އަށް ބަދަލުވުމުގެ ފުރުޞަތު ބޮޑުކަމަށް އޭނާގެ އޭޖެންޓް ސާޖިއޯ ޒަރާޓޭ ބުނެފިއެވެ.

މެކްސިކޯގެ ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޒަރާޓޭ ވަނީ މާޓިނޭޒް ކުރިމަގާ މެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު އޮތީ އެ ކުޅުންތެރިޔާ އަށް ކަމަށާއި، ރެއާލް މެޑްރިޑަށް ވުރެ އޭނާ ބަދަލު ވުމުގެ ފުރުޞަތު ބޮޑީ ބާސެލޯނާ އަށް ކަމަށްވެސް ބުނެފައެވެ.

އުމުރުން 22 އަހަރުގެ މާޓިނޭޒަކީ ބާސެލޯނާ އިން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ލުއިސް ސުއަރޭޒްގެ ބަދަލުގައި ގެންދިއުމަށް އެންމެ ބޭނުންވާ ކުޅުންތެރިޔާ ކަމަށްވާއިރު، ބާސެލޯނާގައި ލިއޮނަލް މެސީއާ އެކު ކުޅެން ބޭނުންވާތީ މާޓިނޭޒް ވެސް ސްޕެއިނަށް ބަދަލުވާން ބޭނުންވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެެވެ.

“މާޓިނޭޒް ބަދަލުވުމުގެ ފުރުޞަތު ބޮޑީ ބާސެލޯނާ އަށް. އަދި އެގޮތަށް ނިންމުމުގައި މެދުވެރިވާނެ އެންމެ މުހިއްމު ސަބަބަކީ މެސީ އެ ޓީމުގައި ހުރުން.” މެކްސިކޯގެ ފޮކްސް ސްޕޯޓްސް އަށް މައުލޫމާތު ދެމުން ޒަރާޓޭ ބުންޏެވެ.

މީގެ އިތުރުން، މާޓިނޭޒްގެ ކުރިމަގާ ބެހޭ ގޮތުން އިންޓަގެ ނައިބު ރައީސް ހަވިއޭ ޒަނެއްޓީ ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ޒަރާޓޭ ބުނީ ޓްރާންސްފާ ބާޒާރު ހުޅުވުމުން ހުރިހާ ކަމެއް އެނގިގެން ދާނެ ކަމަށާއި، ބޮޑު ކުލަބަކުން ކުޅުންތެރިއަކު ބޭނުންވެއްޖެނަމަ ގިނަ ފަހަރު އެކަން ކާމިޔާބު ކުރާ ކަމަށެވެ.

އާޖެންޓީނާގެ ރޭސިން ކްލަބުން 2018 ވަނަ އަހަރު 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އިންޓައާ ގުޅުނު މާޓިނޭޒް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅެދިން 66 މެޗުގައި 25 ލަނޑު ޖަހައިދީ، އިތުރު ފަސް ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މީގެ އިތުރުން، އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި ނުވަ ލަނޑު ޖަހައިދީފައެވެ.