English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅިގެން 15 މާރިޗު 2020ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އެޕްރީލް 18 ގައި ބޭއްވުމަށް މިކޮމިޝަނުން އިޢުލާންކޮށްފައިވަނިކޮށް، ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ COVID-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 2020 އެޕްރީލް 30 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، މިނިސްޓްރީ އޮފް ހެލްތުގެ ޤަރާރުން ވަނީ އެކަން އިޢުލާންކޮށްފައެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންތިޚާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އެ ކޮމިޝަންގެ ޒިންމާއެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީއާއި، އެ ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ކޮމިޝަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދޭންވާނެކަމަށް ބަޔާންކޮށްފައިވާތީ، ހެލްތު މިނިސްޓްރީގެ ޤަރާރާ ގުޅިގެން އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތުމުގެ ސަބަބުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައި، އެކަން ޢާންމުކޮށް އިޢުލާންކުރާ ކަމަށެވެ.

އަދި ރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި، އިންތިޚާބު ބޭއްވޭނެ މާޙައުލެއް ޤާއިމުވުމާއެކު ނުވަތަ މިކަމުގައި ޢަމަލުކުރާނެ ޤާނޫނީ ޙައްލެއް ލިބުމާއެކު 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން މިކޮމިޝަނުން އިތުރަށް ކަނޑައަޅާ ގޮތެއް އިޢުލާންކުރާނެ ކަމަށްވެސް އެ އިއުލާނުގައި އީސީން ބުނެފައި ވެއެވެ.

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފުރަތަމަ ބާއްވަން ނިންމާފައި އޮތީ 04 އޭޕްރީލް 2020 ވަނަ ދުވަހު އެވެ.