English Edition
Dhivehi Edition

ޓޮޓެންހަމް ހޮޓްސްޕާ އިން މިހާރު ބޭނުން ކުރަމުން އަންނަ ސްޓޭޑިއަމް އެޅުމަށް ނެގި ލޯނުތަކަށް ފައިސާ ދެއްކުމުގެ އިތުރުން ދަރަނިން ސަލާމަތްވެ، އެ ކުލަބުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އިނގިރޭސި ފޯވާޑް ހެރީ ކޭން ވިއްކާލުމުގެ ފުރުސަތު އެބައޮތްކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެެވެ.

އެގޮތުން، އެންމެ ފަހުގެ ވޯލްޑްކަޕްގެ ރަންބޫޓު ހޯދި ކޭން ވިއްކާލާނެ އަގަކީ 227 މިލިއަން ޔޫރޯ ކަމަށް ޓޮޓެންހަމުން ކަނޑައަޅައިފައިވާ ކަމަށް އިނގިރޭސި ބައެއް ނޫސްތަކުން ބުނެއެވެ.

މީގެ އިތުރުން، ޓްރާންސްފާގެ ފަހުގެ ހަބަރުތައް ބުނާގޮތުން އުމުރުން 26 އަހަރުގެ ކޭން ގެންދިއުމުގެ ރޭހުގައި މިވަގުތު އެންމެ ކުރީގައި އުޅޭ ކުލަބަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށްވެސް ވެއެވެ.

އެކަމަކު، ޔުނައިޓެޑުން ކޭން ގެންދިއުމަށްޓަކައި، އެންމެ ފަހުން ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް 2017 ވަނަ އަހަރު ބާސެލޯނާ އިން ބްރެޒިލްގެ ފޯވާޑް ނޭމާ ގެނައުމަށް ކުރި ހޭދައަށް ވުރެ ބޮޑު ޓްރާންސްފާ ފީއެއް ޓޮޓެންހަމަށް ދޭނެކަމާމެދު ސުވާލު އުފެދެއެވެ.

ދާދިފަހުން، ކޭން ދިން އިންޓަވިއުއެއްގައި ޓޮޓެންހަމްގެ ފަރާތުން އޭނާ އުއްމީދުކުރާ ކަންތައްތައް ހާސިލްވާނެކަމާމެދު ސުވާލު އުފެދިއްޖެ ނަމަ އެ ކްލަބު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައިވުމަކީ ވެސް އޭނާގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާކަމުގެ މިސާލެކެވެ.

އިންސްޓަގްރާމް ލައިވް މެދުވެރިކޮށް ޓޮޓެންހަމްގެ ކުރީގެ ކުޅުންތެރިއެއްކަމަށްވާ ޖެމީ ރެޑްނެޕް ކުރި ސުވާލުތަކަށް ޖަވާބުދެމުން ކޭން ބުނީ އެ ކްލަބު ދެކެ އޭނާ އިންތިހާއަށް ލޯބިވާ ކަމަށާއި، އެ ލޯބި ދާއިމަށް ދެމިއޮންނާނެ ކަމަށެވެ. އެހެންނަމަވެސް، މުޅި ކެރިއަރު އެއްކޮށް އެ ކްލަބުގައި ދެމިހުރުމުގެ ފުރުޞަތު އޮތީ ގިނަގުނަ ކާމިޔާބީތަކެއް ހޯދިގެންކަމަށެވެ.

މީގެއިތުރުން، ކޭން ވަނީ ދުނިޔޭގެ ފެންވަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން ބޭނުންވާކަމަށާއި ނަމަވެސް އޭގެ މާނައަކީ، ޓޮޓެންހަމް އާއެކު މުޅި ކެރިއަރު ހޭދަކުރުން ނޫން ކަމަށާއި، އެކަމަކު އެކަންތައް އެ ގޮތަށް ވުމުގެ ފުރުޞަތު ވެސް އެބައޮތްކަމަށްވެސް ބުނެފައެވެ.

ޓޮޓެންހަމްގެ ޖާޒީގައި މިހާތަނަށް ކުޅެދިން 278 މެޗުގައި 180 އަށްވުރެ ގިނަ ގޯލް ޖަހައިދީފައިވާ ކޭން ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 25 މެޗުގައި 17 ލަނޑުޖަހައިދީފައެވެ.

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވާ އިގްތިސާދީ ދަތިކަމާ ހެދި، އެ ކުލަބުގެ 550 އެއްހާ މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ ކުޑަކޮށްފައިވީހިނދު އަދި އެ ޓީމުގެ އެއްވެސް ކުޅުންތެރިއެއްގެ މުސާރަ މިހާތަނަށް އައިއިރު އަދި ކުޑަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، ޓޮޓެންހަމްގެ ސްޓޭޑިއަމް އެޅުމަށްޓަކައި ލޯނުގެ ގޮތުގައި 725 މިލިއަން ޔޫރޯ ހޭދަކޮށްފައިވާއިރު، ޓްރާންސްފާ ފީގެ ގޮތުގައި ގާތްގަނޑަކަށް 94 މިލިއަން ޔޫރޯ ދައްކަން ޖެހިފައިވުމަކީ މި ދަނޑިވަޅުގައި އެ ކުލަބަށް މާލީގޮތުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.