English Edition
Dhivehi Edition
އޯއައިސީގެ ހެލްތު މިނިސްޓަރުންނާއެކު ބޭއްވި އިމާޖެންސީ ވާޗުއަލް މީޓިންގ އޮފް ސްޓިއަރިންގ މިނިސްޓީރިއަލް ކޮމިޓީ އޮން ހެލްތުގައި މިނިސްޓަރ އަމީން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާއި ގުޅިގެން ސުވާލުކުރުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.

މިނިސްޓަރ އަމީން އާއި ސުވާލުކުރުމަށް ހުށަހަޅުއްވާފައި ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް އެވެ. އެކަން ހާމަކޮށްފައި ވަނީ ހައިތަމް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

“ކޮވިޑް-19ގެ މިނާޒުކު ހާލަތުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރސް ހުރުމަކީ އެންމެ ބޭނުންތެރި އެއް ކަމަކަށް ވުމާއިއެކު، އަޅުގަނޑުގެ ހިތުގައި އުފެދޭ މި ސުވާލު ތަކަށް، ހެލްތް މިނިސްޓްރީން ޖަވާބު ހޯއްދަވައި ދެއްވުން އެދި މަޖްލީސް ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން އެދެފިން.”، އެ ޓްވީޓްގައި އޭނާ ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ ރައީސަށް ހައިތަމް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ސިޓީގައި ބަޔާންކޮށްފައިވާ ސުވާލުތަކަށް ވީއެންމެ އަވަހަކަށް ޖަވާބު ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދޭ ކަމަށެވެ. އެގޮތުން އެ ސިޓީގައި ހައިތަމް ވަނީ ޖުމްލަ 10 ސުވާލެއް ހިމަނައިފަ އެވެ.

ހެލްތު މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅާފައިވާއިރު، ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަމާޒަކީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ޤާއިމްކުރުން ކަމަށެވެ.

ޗައިނާގެ ވުހާން އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން އަންނަނީ ބަލި ފެތުރިޔަ ނުދިނުމަށާއި ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.

އަދި މިހާތަނަށް މުޅި ދުނިޔެއިން 1,622,049 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އެ ބަލީގައި 97,192 މީހުން މަރުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 366,293 އަށް އަރައިފަ އެވެ.