English Edition
Dhivehi Edition
މޯލްޑިވިއަންގެ ކާގޯ ފްރައިޓަރގައި ބެންކޮކުން މާލެ ގެނައި މުދާ އޮފްލޯޑް ކުރަނީ - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން ތައިލެންޑްގެ ވެރިރަށް ބެންކޮކުން 12.5 ޓަނުގެ ކާގޯ ރާއްޖެ ގެނެސްދީފި އެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނީގެ ކާގޯ ފްރައިޓަރ ގައި ރޭ 11323.3 ކިލޯގެ މުދާ ބެންކޮކުން މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޑިމާންޑަށް ބެލުމަށްފަހު ބެންކޮކް ނޫން އިތުރު އެހެން ޤައުމުތަކަށްވެސް ކާގޯ ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

އެގޮތުން އިންޑިއާ އާއި ދުބާއީފަދަ ތަންތަނުންވެސް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އަދިވެސް ކޮންޓްރޯލް ނުކުރެވި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ބަލީގެ ސަބަބުން ގިނަ ޤައުމުތައް ލޮކްޑައުން ކޮށްފައިވާއިރު، ރާއްޖެއަށް އަންނަ ގިނަ ފްލައިޓްތައްވެސް ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވިޔަފާރިވެރިންނަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ.

މޯލްޑިވިއަނުން ދަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި އެހީގެ ތަކެތި ގެންގޮސްދީފައިވާއިރު، މޯލްޑިވިއަނުން ވަނީ ލަންކާ އާއި އިންޑިއާގެ ކޮޗިން އަދި މެލޭޝިޔާގައި ތާށިވެފައި ތިބި ބައެއް ދިވެހިންވެސް އަނބުރާ ރާއްޖެ ގެނެސްދީފައެވެ.