English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުނު ނެދަލޭންޑްސްގެ 107 އަހަރުގެ އަންހެނަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

ހޮލެންޑުގެ ހުޅަނގު ދެކުނުގެ ރަށެއް ކަމަށްވާ ގޮއެރީ-އޯވަފްލަކީ އިން ރަނގަޅުވި ކޮނީލިއީ ރަސް އަކީ ކޮވިޑް-19 ޖެހިގެން މިހާތަނަށް ރަނގަޅުވި އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.

އެ ގައުމުގެ ނޫހެއް ކަމަށްވާ އޭޑީ އަށް ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓް ކުރާގޮތުގައި، ކޮރޯނާވައިރަސް އަރައިގެން ކޮނީލިއާ އެޑްމިޓް ކުރީ އޭނާގެ އެންމެ ފަހުގެ އުފަން ދުވަސް ފާހަގަކުރިތާ އެއް ދުވަސް ފަހުން މިދިޔަ މާރިޗް މަހުގެ 17 ވަނަ ދުވަހު އެވެ.

އެ ނޫހުން މައުލޫމާތުދޭ ގޮތުގައި، މި މީހާއާއެކު ދުވަސްވީ މީހުން ގެންގުޅޭ ނާސިންގ ހޯމްގައި ދިރިއުޅެމުންދާ 40 ހަކަށް މީހުންނަށް މި ބަލިޖެހުނީ ފައްޅިއަކަށް ކުރި ޒިޔާރަތަށް ފަހުގައެވެ. މީގެތެރެއިން، 12 މީހަކު ވަނީ ބަލީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވީނަމަވެސް ފަހަކަށްއައިސް އެކި ގައުމުތަކުން މި ބަލީގައި އެ އުމުރުގެ މީހުން ވަނީ ރަނގަޅުވެފައެވެ.

ނެދަލޭންޑްސް އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21,762 އަށް އަރާފައިވާއިރު، 2,396 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް އައިއިރު މި ބަލީގައި އެ ގައުމުން ރަނގަޅުވި މީހުންގެ އަދަދަކީ 250 އެވެ.