English Edition
Dhivehi Edition
މުބާރާތުގައި ބައިވެރިވި ދަރިވަރެއް ކުރެހުން ދައްކާލަނީ

ކޮވިޑް 19 އާއި ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި “ކޮވިޑް ޓޭލްސް” ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ސުންގަޑިއަކަށް މިރޭ 12:00 ހަމަޖައްސައިފިއެވެ.

“އޭއޯ ނިއުސްގެ ސްކޫލް މީޑިއާ” އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތަކީ އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އެހެންކަމުން މިރޭ 12 ގެ ފަހުން ފޮނުވާ ކުރެހުންތައް މުބާރާތުގައި ބައިވެރި ނުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިއީ “ޕެންޑަމިކް” ހާލަތެއްގައި އިޖުތިމާއީ ގައިދުރުކަމެއްގައި ތިބެން ޖެހޭއިރު ކަންތައްތައް ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތާއި އަދި ދަރިވަރުން ގޭގައި ތިބެގެން ހުސްވަގުތު ހޭދަކުރާ ގޮތް ދައްކުވައިދޭ ގޮތް ދައްކުވައިދޭ، އަދި ހުސްވަގުތު ބޭނުންތެރި ގޮތުގައި ހޭދަކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ކުރަހާ ކުރެހުން ތަކުން ވެސް ދައްކުވައިދޭން ޖެހެނީ މިވާހަކަތަކެވެ. އަދި މެސެޖަކަށް ވާން ވާނީ ވެސް މިފަދަ ވަގުތެއްގައި ގޭގައި ތިބެގެން އެކުއްޖަކަށް ކުރެވޭނެ އަދި އެކުއްޖަކު ކުރަމުންދާ އަދި ކުރުމަށް އެންމެ ރަނގަޅުކަންތައް ތަކެވެ.

މިހާތަނަށް ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދަކަށް ދަރިވަރުން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މުބާރާތުގައި ބައިވެރިވާނީ ކިހިނެއް؟

  • މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން އެދަރިވަރަކު ތައްޔާރުކުރާ ކުރެހުމެއްގެ ފޮޓޯ ނެގުމަށްފަހު އޭއޯ ނިއުސްގެ ފޭސްބުކް ޕޭޖަށް ފޮނުވުން. https://www.facebook.com/www.aonews.mv/
  • ނަގަން ޖެހޭނީ 2 ފޮޓޯ. އެއްފޮޓޯއަކީ ސާފު ކޮށް ކުރެހުން އެކަނި ފެންނަ ފޮޓޯއަކަށް ވާންވާނެއެވެ. 2 ވަނަ ފޮޓޯނަގަން ވާނީ ދަރިވަރާ އެކުގައި ދަރިވަރު ފޮޓޯ ހިފަހައްޓާލައިގެން ހުރެގެންނެވެ. (މި ފޮޓޯގައި ކުރެހުމާއެކު ދަރިވަރުގެ މޫނު ރަނގަޅަށް ފެންނަންވާނެއެވެ) ކުރެހުމާއެކު ދަރިވަރުގެ ނަމާއި އެޑްރެހާއި އުމުރު އަދި ސްކޫލްގެ ނަން ފޮނުވަން ވާނެއެވެ. މި މައުލޫމާތު ލިޔާނީ ކުރެހުމުގައެއް ނޫނެވެ.
  • ކޮންމެ ކުރެހުމެއްގައި މިގޮތަށް ލިޔަންވާނެއެވެ.
  • އެއް ކުރެހުމަށް ވުރެ ގިނައިން ވެސް ކުރެހުން ބައިވެރިކުރެވިދާނެއެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ފޮނުވެވޭނީ ގިނަވެގެން 1 ކުރެހުމެވެ.
  • ޕޯސްޓާރ ކުރެހުމަށް އޭފޯ ސައިޒް، ނުވަތަ އޭ 3 ގަނޑު ވެސް ބޭނުން ކުރެވިދާނެއެވެ. (ހުދުކުލައިގެ ކަރުދާހުގައި)
  • މުބާރާތުގައި ބައިވެރިކުރެވޭނީ އަތުން ކުރަހާ ކުލަޖައްސާފައިވާ ޕޯސްޓަރު ތަކެވެ. ޕްރިންޓް ކޮށްގެން ކުރަހާ ހުށަހެޅުން ބައިވެރި ނުކުރެވޭނެއެވެ. (ކުލަޖެއްސުމަށް ކޮންމެ ކަހަލަ ކުލައެއްވެސް ބޭނުންކުރެވިދާނެއެވެ)

މުބާރާތް ކުރިއަށް ގެންދާނީ ކިހިނެއް؟ :

  • ޕޯސްޓަރު ފޮނުވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ފެށިގެން އެރޭގެ 12:00 އާއި ހަމައަށެވެ.
  • ކޮންމެ ދުވަހަކުވެސް ހެނދުނު 6:00 އިން ފެށިގެން އެރޭގެ 12:00 އާއި ހަމައަށް ލިބިފައިވާ ޕޯސްޓަރުތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނުން ފެށިގެން އޭއޯ ނިއުސްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑު ކުރާނެއެވެ. ޕޭޖަށް އަޕްލޯޑުކުރާނީ ދަރިވަރު ޕޯސްޓަރު ހިފައިގެން ހުންނަ ފޮޓޯއެވެ.
  • ޕޭޖަށް އަޕްލޯޑު ކުރާހިސާބުން ފެށިގެން އެކުއްޖެއްގެ ޕޯސްޓަރު ޝެއަރ ކޮށް އަދި ލައިކް ހޯދަން ފެށޭނެއެވެ. އެންމެ ގިނަ ލައިކްސް އަދި ޝެއަރ ކައުންޓްކޮށް މާކުސް ދެވޭނެއެވެ. ޕޯސްޓަރަށް ލައިކް ދިނުމާއި ޝެއަރ ކުރުމުގެ ފުރުސަތު ލިބޭނީ އޭއޯނިއުސްގެ ޕޭޖްގައި ޕޯސްޓަރ އަޕްލޯޑުކުރާތާ 24 ގަޑިއިރު ތެރޭގައެވެ. އޭގެ ފަހުން ލިބޭ ލައިކްސް އަށް މާކުސް ނުދެވޭނެއެވެ.

މާކުސް ދޭނެ ގޮތް:

  • ދަރިވަރުން ބައިވެރިކުރާ ކުރެހުން ތަކުގެ ތެރެއިން ފޭސް ބުކް ޕޭޖްގައި ލިބޭ ލައިކްސް އަށް 10 ޕަސެންޓް
  • ދަރިވަރުން ބައިވެރިކުރާ ކުރެހުން ތަކުގެ ތެރެއިން ފޭސް ބުކް ޕޭޖްގައި ކުރާ ޝެއަރ އަށް 10 ޕަސެންޓް
  • މަސައްކަތުގެ ސާފުކަމާއި ރީތިކަމަށް 10 ޕަސެންޓް
  • އުފެއްދުންތެރިކަން 50 ޕަސެންޓް
  • ކުރެހުމުން ދޭން މެސެޖް 20 ޕަސެންޓް

މުބާރާތުގައި ބައިވެރި ކުރާ ކުރެހުންތަކުގެ ތެރެއިން 1 ވަނ 2 ވަނަ އަދި 3 ވަނަ ކުރެހުން ހޮވައި ނަތީޖާ އިއުލާންކޮށް އިނާމު ދޭނީ އޭއޯ ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގައެވެ. އެއީ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގައެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ މަލްޓި މާޓް އަދި ގޯދި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑެވެ. މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި އިތުރު ފަރާތްތަކަށް ވެސް ބައިވެރިވެވިދާނެއެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 7782034 ނުވަތަ 7782341 މި ނަމްބަރަށް ގުޅުއްވުން އެދެމެވެ.