English Edition
Dhivehi Edition
އިމިގްރޭޝަންގެ އޮފިޝަލަކު ޕާސްޕޯޓެއް ބަލަނީ - ފޮޓޯ: ޓްވިޓާ (އިމިގްރޭޝަން)

ވާރކް ވިސާ އަދި އެހެނިހެން ވިސާ ތަކުގައި ރާއްޖޭގައި އުޅެމުންދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ މަސައްކަތް އަންނަ ހަފްތާއިން ފެށިގެން ކުރިއަށްގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 19 މާރިޗް 2020 އިން ފެށިގެން ސަރުކާރުގެ އިދާރާތައް ބަންދުކުރުމަށް ނިންމާފައިވުމާއެކު، އެ މުވައްސަސާއިން ދެމުންގެންދާ ބައެއްޚިދުމަތްތައް ވަނީ މެދުކަނޑާލެވިފައިވާތީ ރާއްޖޭގައި އުޅެމުންގެންދާ ގިނަ އަދަދެއްގެ ބިދޭސީންގެ ވިސާއާއި ގުޅުންހުރި ކަންތައްތައް ފުރިހަމަ ކުރުމުގައި ދަތިވަމުންދާ ކަމަށެވެ.

އެހެންކަމުން 12 އޭޕްރީލް 2020 (އާދީއްތަ) އިން ފެށިގެން ވާރކް ވިސާ އަދި އެހެނިހެން ވިސާ ދޫކޮށްފައިވާ ފަރާތްތަކުގެ ވިސާ އައުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން ގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާންމުކޮށްފައިވާ ގޮތުގެ މަތިން އިޖްތިމާޢީ ގައިދުރުކަން (physical distance) ބަހައްޓައިގެން ކަމަށާއި، ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ޙާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، މަސައްކަތްތައް ރޭވިފައިވާ ގޮތްތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާރކް ވިސާއާއި ގުޅުންހުރި ޚިދުމަތް ތަކަށް އެދެވޭނީ 09:00 އިން 11:00 އަށް ކަމަށާއި، ވިސާ ޖެހުމަށްފަހު ޕާސްޕޯޓް ދޫކުރާނީ 09:10 އިން 12:00 އަށް ކަމަށެވެ. އަދި ވިސާ އަށް އެދި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމެންޓު ދޫކުރާނީ ހެނދުނު 09:10 އާއި 12:00 އާއި ދެމެދުގެ ގަޑިތަކަށް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން ޓޫރިސްޓު ވިސާ އަދި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ފުރައިގެންދިއުމަށް އެދޭ ފަރާތްތައް ވިސާ އައުކުރުމަށް ހުށަހަޅާކަށް ނުޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި އެ ފަރާތްތަކުން، IM34 ފޯމް (އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ) ފުރިހަމަ ކުރުމަށްފަހު، ފުރަން އެއަރޕޯރޓަށް ވަޑައިގަތުމުން ފުރޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ނަމަވެސް 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ވިސާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކުރެވިފައިވާ ވިޒާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާފަރާތްތަކުން ވީޒާ އައުކުރުމަށްއެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތަށް [email protected] އަށް މެއިލްކުރުމަށާއި، އެގޮތަށް މެއިލް ކުރާ ފަރާތްތަކަށް ވީޒާ ޖެހުމަށް ޕާސްޕޯރޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މަޢުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި އަތޮޅު ތެރޭގައި ހުރި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތަކުން ވިސާ އާއި ގުޅުންހުރި ޚިދުމަތެއް ބޭނުންފުޅުވާނަމަ، އެ އިދާރާގެ ފޯނު ނަންބަރު: 9199153 (ވާރކްވީޒާ) އަދި 9199157 (ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާ) އާއި ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.