English Edition
Dhivehi Edition
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް އަލްފާޟިލް އަބުދުއްރަޙްމާން ޞަލާޙު ރަޝީދު, ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ އާއެކު - ފޮޓޯ: ހޯމް މިނިސްޓްރީ

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފި އެވެ.

އެ މަޤާމަށް މިއަދު ޢައްޔަނުކުރައްވާފައި ވަނީ އަލްފާޟިލް އަބުދުއްރަޙްމާން ޞަލާޙު ރަޝީދު އެވެ. އެކަން އިޢުލާންކޮށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެ މިނިސްޓްރީ އާއި މިނިސްޓްރީގެ އެންމެހާ މުވައްޒަފުންގެ ނަމުގައި އަލަށް އައްޔަންކުރެވުނު ޕާމަނަންޓް ސެކެޓްރީއަށް މަރުޙަބާ ދަންނަވައިފަ އެވެ.

ހޯމް މިނިސްޓްރީގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަބްދުއްރަޙްމާނަށް މަޤާމުގެ ލިޔުންކޮޅު ހަވާލު ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަލީ ޝަމީމް އެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާސިލްކުރައްވާފައިވާ އަބްދުއްރަޙްމާން ވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާގެ މާސްޓަރސް ޑިގްރީވެސް ހާސިލްކުރައްވައިފަ އެވެ.

އޭނާ ވަނީ މީގެ ކުރިން އީސީގެ ޑިރެކްޓަރުގެ މަޤާމާއި، މާލެ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވައިފަ އެވެ.