English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މާދަމާ ހެނދުނު 10 ޖަހާއިރު، ދިވެހި ޤައުމާއި މުޚާޠަބުކުރައްވާނެއެވެ.

އެމަނިކުފާނު ގައުމާއި މުޚާތަބު ކުރައްވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެންނެވެ.

ހޯމް މިނިސްޓްރީން ބުނީ މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00 ގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ. އަދި އެމްއެންޑީއެފް އިން ބުނީ ޤައުމީ ދިފާޢީ ބާރުގެ މިލިޓަރީ ޕެރޭޑާއި ޕްރޮސެޝަން ވެސް މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނައެވެ. ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައެވެ.

ޤައުމީ ދިފާޢީ ބާރުގެ މިލިޓަރީ ޕެރޭޑާއި ޕްރޮސެޝަން އޮންނާނީ މާދަމާ ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރި ކޮށްދެއްވާ މިލިޓަރީ ޕެރޭޑް ފަށާނީ، މާދަމާ ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުންނެވެ.

މި ޕެރޭޑްގައި ޖުމްލަ 4 ތަނެއްގައި ސިފައިންގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

މި ޕެރޭޑު ކުރިއަށްދާނީ އަމީރުއަޙްމަދު މަގުން އިރަށްގޮސް ސޯސަންމަގަށް އަޅައިގެން ދެކުނަށްގޮސް، މަޖީދީމަގުން ހުޅަނގަށްގޮސް ރަސްފަންނު ކައިރިން ބޮޑުތަކުރުފާނު މަގުންގޮސް ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރު ނުބޭއްވުމަށް ވަނީ ނިންމާފައެވެ.