English Edition
Dhivehi Edition
އެސްއެމްއީ ތަކަށް ބޭއްވި މަސައްކަތު ބައްދަލުވުމެއްގައި ނުޢުމާން ވާހަކަދައްކަވަނީ - ފޮޓޯ: ކަސްޓަމްސް

އިއްޔެ ނިޔާވި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަޙްމަދު ނުޢުމާން އަކީ މި ސަރުކާރު އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި މޭސްތިރިއެއް ކަމުގައި އަދާލަތު ޕާޓީ (އޭޕީ) އިން ބުނެފި އެވެ.

އޭޕީން މިއަދު ނުޢުމާންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު އަދި އެ ޕާޓީގެ ޖެންޑަރ އާއި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީގެ ރައީސް، ނުޢުމާން ނިޔާވި ޚަބަރު އެހީ ނުހަނު ހިތާމައާއެކު ކަމަށެވެ.

އޭޕީން ބުނީ ނުޢުމާން އަކީ ވިސްނުންފުޅު ތޫނު، ހީވާގި، ހިންގުންތެރި، ޚުލްޤު ހެޔޮ، އޯގާތެރި، އެކި ޚިޔާލުގެ އެކި މިޒާޖުގެ މީހުންނާއެކު މަސައްކަތް ކުރައްވައި ވިސްނުންތައް އެއްގޮތް ކުރައްޥަ ޙިކްމަތްތެރި ބޭފުޅެއް ކަމަށާއި، ނުޢުމާނަކީ އޭޕީ އަށާއި، ދިވެހި ޤައުމަށް އިޚްލާސްތެރިކަމާއެކު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.

ނުޢުމާން ވަނީ 16 ސެޕްޓެމްބަރު 2012 ގައި އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު އެ ޕާޓީގެ އެކި މަޤާމުތައް ފުރުއްވައިފަ އެވެ. އެގޮތުން އެ ޕާޓީގެ އައްޑު ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމާއި، އޭޕީގެ ޖެންޑަރ އާއި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީގެ ރައީސްކަމުގެ އިތުރުން އޭޕީގެ ދިރާސާކުރުމާއި ގޮތް އެކުލަވާލުމާބެހޭ ކޮމިޓީގެ މެންބަރުކަމުގެ މަޤާމު ހިމެނެއެވެ. “މި މަޤާމުތަކުގައި އެމަނިކުފާނު ޢަދާލަތު ޕާޓީގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކަކީ އޭގެ އަގުވަޒަންނުކުރެވޭނެ ޚިދުމަތްތަކެކެވެ. އަދި ވަކިން ޚާއްސަކޮށް ޢަދާލަތު ޕާޓީއިން ކުރަމުން އަންނަ އިސްލާހީ މަސައްކަތުގެ އެންމެ އިސް ސަފުގައި ދެގޮތެއް ނުވެ ސާބިވުތެ ވަޑައިގެން، ގިނަ ޕާޓީތަކެއް އެކުލެވޭގޮތުން މިއަދު އެުފެދިފައި މިވާ ސަރުކާރު އުފެއްދުމުގައި އަލްއަޚް އަޙްމަދު ނުޢުމާނަކީ އިސް ދައުރެއް އަދާކުރެއްވި މޭސްތިރިއެކެވެ. މީގެ އިތުރުން ދިވެހި ޤައުމަށް ތަފާތު އެކި ރޮނގު ރޮނގުން އަލްމަރުޙޫމް އަޙްމަދު ނުޢުމާން ޚިދުމަތްކުރައްވާފައިވެއެވެ.”، އެ ބަޔާނުގައި ވެއެވެ.

ނުޢުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ރޭ އިރާކޮޅުގެ ވަގުތެއްގައި އިންޑިޔާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު ޢުމުރަކީ 47 އަހަރެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިނިސްޓަރު ފެންވަރުގައި ނުޢުމާން ޢައްޔަން ކުރެއްވީ 2018 ޑިސެންބަރު 11 ގައެވެ. އައްޑުއަތޮޅު ހިތަދުއަށް އުފަން ނުޢުމާނަކީ، މީގެ ކުރިންވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމާތް ފުރަތަމަ ފަށްޓަވާފައިވަނީ 29 ޖޫން 1991 ގައެވެ. އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ރޭޑިޔޯ ޓެކްނީޝަންގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަން ކަމުގެ މަގާމުވެސް ނުޢުމާން ފުރުއްވާފައިވެއެވެ.

ނުޢުމާން އަވަހާރަވީއިރު، އަނބިކަނބަލުންނާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.