މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި އެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެމްއައިބީން ޖުލައި 2019 ގައި އާންމުކޮށް ޙިއްޞާ ވިއްކުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވެ ޕެންޝަން އޮފީސް ވަނީ އެ ބޭންކްގެ މޭޖަރ ޝެއަރހޯލްޑަރ އަކަށް ވެފައި ކަމަށެވެ. އެހެންކަމުން، އެމްއައިބީގެ ހިންގާ ޤަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު ނޮމިނޭޓް ކުރުމުގެ ފުރުޞަތު ޕެންޝަން އޮފީހަށް ވަނީ ލިބިފައެވެ.
އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމަށް 15 މާރިޗު 2020 ވަނަ ދުވަހު ކުރި އިއުލާނަށް އިޖާބަދެއްވާފައިވާ ފަރާތްތަކުގެ އަދަދު މަދުކަމުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަޅުން ހުޅުވާލާފައިވާ ކަމަށާއި، އެ މަޤާމަށް ކުރިން އެޕްލިކޭޝަން ހުށަހަޅުއްވައިފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެއެވެ.
ތިން އަހަރުގެ މުއްދަތަކަށް މީހަކު ޢައްޔަނުކުރާ އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާން ކޮށްފައިވާ ތަޢުލީމީ ފެންވަރާއި، މަސްއޫލިއްޔަތުތަކާއި އަދި އެހެނިހެން ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމަށާއި، ޓީ.އޯ.އާރު ގެ އިތުރުން ޕެންޝަން އޮފީހުގެ “ނޮމިނީ ޑިރެކްޓަރ ޕޮލިސީ” ގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ވެސް ފުރިހަމަ ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ޕެންޝަން އޮފީހުން ބުނީ އެ މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ކަމުގައި ވުމުން، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު) ފޮނުވާނީ [email protected] އީ-މެއިލް އެޑްރެހަށް ކަމަށެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 23 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 އެވެ.
އެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް، ނޮމިނީ ޑިރެކްޓަރޝިޕް ޕޮލިސީ، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު, އަދި “ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް” ޕެންޝަން އޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ.