English Edition
Dhivehi Edition
ފުވައްމުލަކުގެ މަސްވެރިންތަކެއް ބަނދަރުމަތީގައި: ފޮޓޯ ފުވައްމުލައް މަސްވެރިން ޕޭޖް

ރާއްޖޭގެ ބޭންކަކުން މަސްވެރިންނަށް ލޯނު ފެސިލިޓީއެއް ފުރަތަމަ ފަހަރަށް ދޭން ނިންމައި، އެކަން މޯލްޑިވްސް އިސްލާމިކް ބޭންކުން އިޢުލާންކޮށްފިއެވެ.

އެމްއައިބީ ގެ “އުޖާލާ މަސްވެރިޔާ” ޕައިލެޓް ސްކީމްގެ ނަމުގައި ދޫކުރާ މި ލޯން ސްކީމް އިޢުލާންކޮށްފައިވަނީ ފަރެސްމާތޮޑާގައި އެ ބޭންކުން ބޭއްވި ރަސްމިއްޔާތެއްގައި އެބޭންކުގެ އެކްޓިންގ ސީއީއޯ އަހްމަދު ރިޟާއެވެ.

ރިޟާ ވިދާޅުވީ އެ ފުރުސަތުގެ ބޭނުން ހިފައިގެން، ދިރިއުޅުމުގައާއި އަދިވެސް އެހެނިހެން ކަންކަމުގައި ކުރަން ގަސްތުކޮށްފައިވާ ކަންކަން ކުރުމަށް މަސްވެރިންނަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ގިނަބަޔަކު ބޭނުންކުރާ އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ މިވަގުތު އެންމެ މަގުބޫލު އެއް ފައިނޭންސިންގ ފެސިލިޓީއަށްވާއިރު، އެއްވެސް ރަހުނަކާ ނުލައި ގިނަވެގެން 400،000 ރުފިޔާގެ މުދާގަނެވޭ މިސްކީމަކީ އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން ކުރިޔަށްގެންދާ ސްކީމެކެވެ.

“އުޖާލާ މަސްވެެރިޔާ” ޕައިލަޓް ސްކީމްގެ ދަށުން މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބަލާ -/100،000 ރުފިޔާ ހަމައަށް މުދާ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން ފަރުނީޗަރު، ސައިކަލް، ޓީވީ، ބަދިގެ ސާމާނު، އައިސް އަލަމާރި، ދޮންނަ މެޝިން ފަދަ ސާމާނު މިސްކީމުން ގަނެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ.