ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިތިބި ދިވެހިންނަށް އެހީވުމުގެ ގޮތުން ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ފަލަސުރިހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް އެހީވުމަށް ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް ބައިވަރު ފައިސާތަކެއް ވެސް ޚަރަދު ކުރުމުން އަންނަ ކަމަށެވެ. އެ ގޮތުން މި ޚަރަދު ކުރައްވަމުން ގެންދަވާއިރު ޒަކާތު ފައިސާއިން ތިން މިލިއަން ރުފިޔާ ސަޕޯޓެއް ދިނުމުގެ ގޮތުން ހަރަދުކޮށްފައިވާކަމަށް ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ޒަކާތު ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރުމަށް ވަކި ހާއްސަ އުސޫލެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެގޮތުން އެ ފައިސާ ހަރަދު ކުރަނީ ޒަކާތު ފަންޑާ ގުޅޭ ކޮމިޓީ އާއި އިލްމުވެރިން ތިއްބަވާ ޒަކާތު ފަންޑު އެޑްވައިޒަރީ ބޯޑުން ހުއްދަދޭ ކަންތައްތަކަށް ކަމަށެވެ.