ރާއްޖެއިން ބޭރުން އައުމުން ފަން އައިލެންޑްގައި ކަރަންޓީނުކޮށްފައި ތިބި، 49 މީހެއް ކޮރޯނާވައިރަސް، ކޮވިޑް-19އަށް ނެގެޓިވްވުމާ އެކު، އެ އެންމެން މިއަދު ދޫކޮށްލައިފި އެވެ.
އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޓްވީޓްގައި ވަނީ ފަން އައިލެންޑް ރިސޯޓްގެ ކަރަންޓީން ފެސިލިޓީސްގައި ތިބި 49 މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި ރައްކާތެރިކަމުގެ ދަށުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަވަވުމުން އެމީހުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ހަމަކުރުމަށްފަހު ވައިރަސް އަށް ނެގެޓިވްތޯ ޓެސްޓު ކުރާނީ 15 ވަނަ ދުވަހު އެވެ. އަދި އެއަށްފަހު ނަތީޖާ ލިބުމުން ކަރަންޓީނު ފެސިލިޓީއިން ގެއަށް ބަދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތާ ބެހޭ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 881 މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލާނީ ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް 15 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން މިހާރު ދޫކޮށް ނުލާ ހުރީ އިޓަލީގެ ފަތުރުވެރިއެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހުނަށް ފަރުވާ ދެމުން އަންނައިރު ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.