English Edition
Dhivehi Edition

އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބައެއް ތަކެތީގެ އަގު ސަރުކާރުން ކޮންޓްރޯލްކޮށް އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާކުރަން ސަރުކާރުން ނިންމައިފިއެވެ.

މި ކަމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގާނޫނު ނަންބަރު 96/01 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު)ގެ ހަތް ވަނަ މާއްދާގެ (ހ) ގެ ދަށުން، މިވަގުތު އިގުތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބައެއް ތަކެތިން އަގު ކޮންޓްރޯލްކުރުމަށް ނިންމާފައިވާކަމަށެވެ.އެހެންކަމުން މިމަހުގެ ހަވަނަ ދުވަހުން ފެށިގެން، ބައެއް ބާވަތްތައް ވަކިވަކިން (ރީޓެއިލް) ކޮށް ވިއްކޭނެ އެންމެ މަތީ އަގު ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

މި މަހުގެ ހައެއް ވާ ހޯމަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ބައެއް ބާވަތްތައް ވިއްކޭނެ އެންމެ މަތީ އަގު:

  • ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ
  • ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ
  • ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންގައި ބުނީ އެ އަގަށް ވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް ގިނަވެގެން 100,000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށެވެ. އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ،