މުވައްޒަފުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރުއެޅުމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެދިއްޖެ އެވެ.
އެންބީއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ސަފާރީ އޮޕަރޭޓްކުރާ ބައެއް ފަރާތްތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ޤާނޫނާ ޚިލާފަށް ނޯޕޭލީވް ނެގުން މަޖުބޫރުކުރުވުމާއި، މުސާރަ ކުޑަކުރުމާއި، ވަޒީފާއިން ވަކިކުރާކަމުގެ ޝަކުވާ އެ އެސޯސިއޭޝަނަށް ލިބެމުންދާ ކަމަށާއި، މި ދަނޑިވަޅުތަކުގައި އެ ކުންފުނިތަކުގެ މުވައްޒަފުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރުއެޅުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
އަދި މި ދަތި އުނދަގޫ ވަގުތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އެހެނިހެން ގުޅުންހުރި ފަރާތްތަކާ އެ ޖަމިއްޔާގެ ފަރާތުން ބައްދަލުކޮށް އެކި ގޮތްގޮތުން އެހީތެރިކަން ލިބޭނެ ގޮތްތައް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށްވެސް އެންބީއޭއެމް އިން ބުނެއެވެ.
މީގެ އިތުރުން ވިޔަފާރިތައް ދެމެހެއްޓުމުގައި މުވައްޒަފުންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި، ކޮވިޑް-19ގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ޙާލަތަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ ނުވަތަ ވަޒީފާއިން ވަކިކޮށްފައިވާނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޖޮބް ސެންޓަރގައި އެ މުވައްޒަފަކު ރިޕޯޓްކުރުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ. އަދި ބޯޓް އޮޕަރޭޓަރުން އެބޭފުޅުންގެ މުވައްޒަފުންގެ ވަޒީފާގެ ޙާލަތަށް ބަދަލު ގެންނެވުމުގެ ކުރިން އެކަން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް އެންގުމަށްވެސް އެންބީއޭއެމް އިން ވަނީ އެދިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް މިހާރު ބޮޑެތި އަސަރުތަކެއް ކުރަމުންދާއިރު، ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިޤްތިޞާދީ ޕެކޭޖެއްވެސް އިޢުލާންކޮށްފަ އެވެ. އެހެންނަމަވެސް ބައެއް ރިސޯޓްތަކާއި އަމިއްލަ ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދެމުންދާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.