ނުރައްކާތެރި ކޮވިޑް19 ކޮރޯނާ ވައިރަހަށް ފަރުވާކުރަމުން ދަނިކޮށް ލަންޑަނުގައި އުމުރުން 13 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
މިއީ މިހާތަނަށް ކޮވިޑް19 ޖެހިގެން މީހަކު މަރުވި އެންމެ ހަގު އުމުރަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އިނގިރޭސިވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކުއްޖާއަކީ މިހާތަނަށް ކޮވިޑް19 ޖެހިގެން އެންމެ ހަގު އުމުރުގައި މަރުވި ފަރާތެވެ.
މަރުވި ކުއްޖާއަކީ މީގެ ކުރިން އެއްވެސް ސިއްހީ ބޮޑު މައްސަލައެއް ދިމާވެފައިނުވާ ކުއްޖެއް ކަމަށާއި އަދި އެ ކުއްޖާ ދިޔައީ އެއްވެސް ބައްޔަކަށް ފަރުވާކުރަމުން ނޫންކަމަށް ވެއެވެ. މި ކުއްޖާ މަރުވެފައި ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވިތާ 4 ވަނައަށް ވީ ދުވަހުއެެވެ.
ދެކުނު ލަންޑަނުގެ ކިންގްސް ކޮލެޖް ހޮސްޕިޓަލުގައި 13 އަހަރުގެ ކުއްޖާ އެޑްމިޓްކުރީ ނޭވާލުމަށް އުނދަގޫވުމާއި ގުޅިގެންނެވެ. އޭނާ މަރުވީ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކިންގްސް ކޮލެޖް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 ޖެހުމުގެ ފުރުސަތު ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް ޒުވާން އުމުރުގެ ފަރާތްތަކަކީ ކޮވިޑް19 ނުޖެހޭނެ ބައެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.
މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ވަނީ ކޮވިޑް19ގެ ނުރައްކާ ޒުވާނުންނަށް ވެސް އެބައޮތް ކަމަށާއި ޒުވާނުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ގޮވާލާފައެވެ. އޭރު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ވިޔަސް، ޒުވާނުންނަށް ވެސް ބަލިޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.