English Edition
Dhivehi Edition

އަޅާފައިވާ ހުރިހާ ހަރުކަށި ފިޔަވަޅުތަކާއެކުވެސް މަދު ވެގެން ދެ ލައްކަ މީހުން މަރުވާނެ ކަމަށް ވައިޓްހައުސް ކޮރޯނާވައިރަސް ޓާސްކްފޯހުން އަންގާރަ ދުވަހު ބުނެފިއެވެ.

ޓާސްކްފޯސް އިން ނެރެފައިވާ ސްޓޭޓް މެންޓެއްގައިވާ ގޮތުން ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭ 1ލައްކައާއި 2 ލައްކަ 40 ހާހާއި ދެމެދުގެ ޢަދަދަކަށް އެމެރިކާ މީހުން ކޮވިޑް 19 ގައި މަރުވާނެއެވެ.

އެންމެ ގިނައިން މީހުން މަރުވާނެ ކަމަށް ބެލެވޭ ޕީކް ދުވަސްވަރު ކުރިއަށް އޮތް 14 ވަރަކަށް ދުވަހުގެ ތެރޭ ބައްދަލުވާނެ ކަމަށާއި އެދުވަސްވަރު ދުވާލެއްގެ މައްޗަށް 2200 މީހުން މަރުވާނެ ކަމަށް ވައިޓްހައުސް ޓާސްކްފޯހުން ލަފާ ކޮށްފައިވެއެވެ.

މިކަމާގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤައުމާއި މުޚާތަބް ކުރައްވާ ވިދާޅުވީ ބޯމަތިވަމުން އަންނަ ދަތި ދުވަސްވަރަށް ހުރިހާ އެންމެން ތައްޔާރުވެ ތިބުމަށާއި ކުރިއަށް އޮތް 2 ހަފްތާ ވެގެންދާނީ ވަރަށް ، ވަރަށް ހިތްދަތި ދުވަސްވަރަކަށް ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ޔޫއެން އިންވެސް ވަނީ ދުނިޔެ ކުރިމަތި މިލަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އަންނާނެ އެންމެ ބިރުވެރި ޙާލަތާއި ކަމުގައި ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާގެ 188,578 މީހުން ފަރުވާ ހޯދަމުން އަންނައިރު އިއްޔެ އެކަނި ވެސް 24742 މީހުން މި ބައްޔަށް އެޤައުމުގައި ޕޮޒިޓިވް ވިއެވެ. މިހާތަނަށް ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ޤައުމަކީ ވެސް އެމެރިކާއެވެ.

އެމެރިކާގައި މިބަލީގައި މަރުވި މީހުންގެ ޢަދަދަކީ 3,890 އެވެ.