English Edition
Dhivehi Edition

ވޮޝިންޓަން (31 މާރޗް): ނުރައްކާތެރި ކޮވިޑް19 ވައިރަސް ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު ތިން ހާހަށް އަރައިފިއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް އެމެރިކާއިން ކޮވިޑް19 ޖެހިގެން ޖުމްލަ 3003 މީހުން ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 160،698 އަށް ވަނީ މަތިވެފައެވެ.

އެމެރިކާގައި ހަލުވިކަމާއި އެކު ކޮވިޑް19 ފެތުރެމުން އަންނައިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 16،926 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގައުމުގެ ސްޓޭޓްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ނިއު ޔޯކުންނެވެ. ހަމައެކަނި ނިއުޔޯކުން 67325 ޕޮޒިޓިވްވެފައިވާ ކަމަށް ވެއެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުކަމުގައިވާ އެމެރިކާއިން ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި މިހާތަނަށް ކާމިޔާބެއް ހޯދިފައި ނުވާއިރު އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފައެވެ.

އެގޮތުން ޓްރަމްޕް މަސައްކަތް ކުރަނީ އިޤުތިޞާދަށް ގެއްލުން ވިޔަ ނުދިނުމަށް ކަމަށާއި، މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ. ސިއްހީ މާހިރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ޓްރަމްޕް ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އަމާޒަކީ ވިހާވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.

ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ކޮވިޑް-19 އާއި ދެކޮޅަށް އެމެރިކާ އިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާތީ އެގައުމުގެ ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެއެވެ. އެގޮތުން ދެ ލައްކަ އާއި ގާތްކުރާ އަދަދަކަށް މީހުން އެގައުމުން މަރުވެދާނެ ކަމަށް އެމެރިކާގެ ސިއްހީ ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.