ކޮވިޑް-19ގެ ވައިރަހާ ގުޅިގެން ރާއްޖޭގައި މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނައިކަމުގެ 219 ޝަކުވާއެއް އިކޮނޮމިކް މިިނިސްޓްރީގެ ޖޮބް ސެންޓަރަށް ރިޕޯޓުކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގުތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސް، ވަޒީފާތަކަށް އެކަމުގެ އަސަރު ކުރަމުންދާއިރު، ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނާއި އިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ހިއްސާކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެގޮތުން ނޯ ޕޭ ލީވްއަށް ފޮނުވުމާއި މުސާރަ ކުޑަކުރުމާއި، ވަޒީފާއިން ވަކި ކުރުން ފަދަ ކަންތައްތައް ޖޮބް ސެންޓަރުގެ ޕޯޓަލްގައި ރިޕޯޓު ކުރެވެ އެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފާއިތުވެދިޔަ 10 ދުވަހުގެ ތެރޭގައި ގިނަ މައްސަލަތަކެއް ޖޮބް ސެންޓަރަށް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި ވަޒީފާއިން ކަނޑާލުމާއި، ނޯޕޭ ލީވް ނެގުމަށް އެންގުމާއި، މުސާރަ ބަދަލުވުމާއި، އެލަވަންސްތައް ކަނޑާލުމާއި، މުސާރައިގެ އެއްބައި ދިނުމާއި، ވަކި މުއްދަތަކަށް ސަސްޕެންޑު ކުރުންފަދަ މައްސަލަތައް ހިމެނެއެވެ.
މަބްރޫކް ވިދާޅުވީ ޖޮބް ސެންޓަރ އެމްވީގައި ދަތިތައް ދިމާވާ ހުރިހާ މުވައްޒަފުންނަށް ވެސް ރެޖިސްޓަރ ވެވޭނެކަމަށާއި މި އަދު ހެނދުނު 10 ޖެހުމާއި ހަމައަށް ވެސް 219 ކޭސް ރިޕޯޓްކޮށްފައިވާކަމަށެވެ. މިފަދަ ކޭސްތައް ވީހާވެސް އަވަހަށް ރިޕޯޓްކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޖޮބް ސެންޓަރގައި ރިޕޯޓްކޮށް އިކޮނޮމިކް މިނިސްޓްރީއާ މަޢުލޫމާތު ޙިއްސާކުރެވޭ މަޢުލޫމާތާއެކު ވަޒީފާގެ ޙާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށަހެޅަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮވިޑް-19އާ ގުޅިގެން 58 ރިސޯޓަކުން 11،000އެއްހާ މުވައްޒަފުން ނޯޕޭއަށް ފޮނުވާލާން ނިންމާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިންވެސް މިއަދު ވަނީ ބުނެފަ އެވެ.