މާރޗް 6 ވަނަ ދުވަހުން ފެށިގެން އެކި ދުވަސް މަތިން ކޮވިޑް 19 އަށް ރާއްޖޭގައި ޕޮޒިޓިވް ވި 17 މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެހެން ހުރިހާ އެންމެން ބަލިން ރަނގަޅު ވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭ ފަހުގެ މައުލޫމާތުޙިއްސާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ޕޮޒިޓިވްވި ހުރިހާ ބިދޭސީން މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
“ޕޮޒިޓިވްވެގެން ވެލިދޫގައި އަޅުގަނޑުމެން ބަލަހައްޓަމުންދިޔަ ކޭސްތަކުގެ ތެރެއިން މިހާރު ތިބީ ހަމައެކަނި ދިވެހި ދެ މީހުން. އޭގެ މާނައަކީ ކުރިން ޕޮޒިޓިވްވި ބޭރު ހުރިހާ އެންމެން މިހާރު ނެގަޓިވް ކަމަށް ނިންމިފައިވަނީ،” ޑޮކްޓަރ މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދުއިތުރަށް ވިދާޅުވީ ކޮވިޑް 19އަށް ޕޮޒިޓިވް ވެގެން އއ. ވެލިދޫގައި ފަރުވާދެމުން އަންނަ ދެ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެމީހުންގެ ކިބައިން އެއްވެސް ސީރިއަސްކަމެއް ފެންނަން ނެތް ކަމަށެވެ.
“އެމީހުންގެ އިތުރު ކޮމްޕްލިކޭޝަނެއް ނެތް. އާދައިގެ ރޯގާގެ ޢަލާމާތްތައް ހުރީ. އެހެންވީމަ އެ ދެމީހުންގެ ކޮންޑިޝަން ސްޓޭބަލް. ” އޭނާ ވިދާޅުވިއެވެ.
ޑރ. މުރާދު އިތުރަށް ވިދާޅުވީ ބަލިން ރަނގަޅުވި މީހުން ޓްރާންސްފާ ކުރަން ޖެހޭ ތަންތަނަށް ޓްރާންސްފާ ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.
ރާއްޖެއިން ކޮވިޑް 19އަށް 17 މީހުން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 13 މީހަކު މިވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައެވެ. މީގެއިތުރުން ބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ދިނުމަށްފަހު ކަރަންޓީނުގައި ތިބި އިޓަލީގެ ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވްވިކަން އެނގުނީ އެމީހުން އެނބުރި ޤައުމަށް ފުރިފަހުންނެވެ. މިދެމީހުންނާއެކު 17 މީހަކު ރާއްޖޭގައި ޕޮޒިޓިވް ވި އިރު އޭގެ ތެރޭގައި ހިމެނޭ ހަމަ އެކަނި ދެ ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައިސް ކުރެވުނު ޓެސްޓުން ޕޮޒިޓިވްވިކަން އެނގުނު ދެ މީހުންނެވެ.
ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ރާއްޖޭގައި މިވަގުތު އައިސޮލޭޓް ކުރެވިފައިވާ މީހުންގެ ޢަދަދަކީ 18 އެވެ. ރާއްޖެއަށް އެތެރެވި 868 މީހަކުވަނީ 14 ދުވަހަށް ކަރަންޓީން ކުރެވިފައެވެ.
މިނިސްޓްރީ އޮފް ހެލްތުން އެންމެ ފަހުން ޢާއްމު ކުރި މަޢުލޫމާތުތަކަށް ބަލާއިރު ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ދި ސްޓޭންޑަރޑް، ހުރުވަޅި މޯލްޑިވްސް ރިސޯޓުން ދިވެއްސަކާއި ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވިފައިވެއެވެ. އަދި
ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ލަކްސް ނޯރތު މާލެ އެޓޯލް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. އެމީހާ މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައެވެ. މި ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.