English Edition
Dhivehi Edition

ލިޔުނީ: އާމިނަތު މައިސާ ނިޔާޒު (އައްޑޫހައިސްކޫލް)

މިއަދު އެންމެންވެސް ދައްކަނީ ކޮރޯނާ ވަބާގެ ވާހަކައެވެ. އޭގެ ބިރުވެރި ކަމާއި ހިރާސާއި ބިރާސުގެ ވާހަކައެވެ. މި ވަބާފެތުރުމުގެ ސަބަބުން އެންމެން ގޭ ބަންދަށް ވަދެއްޖެއެވެ. ގެތަކުގެ ތެރެއަށް ވަނީ ހަމައެކަނި ދުވަސް ވެފައިވާ ބަލިހާލުގައިވާ މީހުންނެވެ. އެހެންނޫނަސް ގެއިން ނުނިކުންނަ މީހުން ބަންދުވިއަކަސް އެއީ ބަލި ފެތުރުން ކުޑަވީތޯއެވެ؟

ކޮންމެގޮތަކަށް ވިޔަސް ކަންތައްތަކަށް ބަދަލު އަންނަން ފައްޓައިފިއެވެ. ސްކޫލްތައް ބަންދުކޮށް މުދައްރިސުންނާއި ކިޔަވާކުދިންތައް ގެއަށް ފޮނުވާ ލެވިއްޖެއެވެ. ފިހާރަތަކުން މާސްކުތަކާއި ސެނެޓައިޒާރ ފުޅިތައް ނަގައިހުސްކުރެވިއްޖެއެވެ. ރާއްޖޭގެ ވިޔަފާރިތަކަށް ބަދަލުތައް އަންނަން ފައްޓައިފިއެވެ. ގައުމުތަކުގެ މެދުގައި ވިޔަފާރި ހުއްޓިއްޖެއެވެ. ވައިގެ ދަތުރުތައް ދަނީ ހުއްޓެމުންނެވެ. ބައްދަލުވުންތައް މެދުކެނޑިއްޖެއެވެ. މިސްކިތް ތަކުގައި ޖަމާއަތުގެނަމާދާއި ހުކުރު ނަމާދު ކުރުން ހުއްޓުވައިފިއެވެ.

އަހަރު ފެއްޓިގެން ދިޔައިރު އޮތް ހަމަހިމޭންކަމާއި އަމާންކަމެއްމިއަދަކު ނެތެވެ. ދެނާއި ދެނެއް ނެތެވެ. އެންމެން ތޮޅެމުން ފޮޅެމުން ، ހިރެމުން ކިރެމުން ، ހެލެމުން އެއްލެމުން ސައިބޯނި ފުޅިތަކާއިކާބޯތަކެތި ބޮނޑި ބޮނޑި އަށް ގަނެ ގެތަކުގެ ގުދަން ތެރެއަށް އަޅަނީއެވެ. ކީއްވެގެންތޯއެވެ.؟ ރާއްޖެ ބަނޑުހައި ހޫނުކަމުގެ އަނދަވަޅަކަށް ވެއްޓި އެކަމުން އަރައި ނުގަންނާނެހެން ހީވާތީއެވެ. ހަނޑުލާއި ، ހަކުރާއި އެހެން ކާޑުގެ ބާވަތްތަކުން ބަސްތާ ތަކުން ގަންނަނީއެވެ. މިއީ ކޮންމެހެން ކައްކައިގެން ކެއުމައްޓަކައެއް ނޫނެވެ. ނަމަވެސް ތިމާގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލައްޓަކައެވެ. ހަޤީގަަތުގައި މިވަރުގެ ބޯދާ ވިސްނުމެއް އަޅުގަނޑަގެ ހިތައް ދުވަހަކުވެސް ނާރައެވެ.

ދޮގެއްނޫނެވެ. ރާއްޖޭގައި ގުދުރަތީގޮތުން ކާބޯތަކެތި އުފެއްދުމަށް މުއްސަނދި ފަސްގަނޑެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ޒަމާނާއި ޓެކްނޮލޮޖީގެ އެހީގައި އަޅުަގަނޑުމެންނަށް ބޭނުން ގޮތަކަށް ބޭނުން އެއްޗެއް ހެއްދޭނެއެވެ. އެކަމަށްބޭނުންވާހާ އެއްޗަކީ ކުޅަދާނަ މޮޅު ދިވެހީންނެވެ. ދިވެހީންނަކީ ޔޫރޮޕްގެ ދޮން ސިކުނޑިތަކާ އަޅައި ބަލާއިރު ދެރަބައެއްނޫނެވެ. ހަމައެކަނި ތަފާތު ކަމަކީ އެމީހުންގެ މަސައްކަތް ކުރުމަށް އޮންނަ ޖޯޝާއި ފޯރިނެތުމެވެ. ދިވެހީންނަށް ލިބިފައިވަނީ ފިނިހަކައެއްގެ ކަންނެތްކަމާއި ވަޅޯކަމެވެ. އެއްޗެހި ބޮނޑިކޮއް ގަނެ “ރައްކާކޮއްގެން” ތިބެނީ މިސަބަބަށް ޓަކައެވެ. ނިކަން ބައްލަވާށެވެ. ހުރިހާ ޤައުމެއްގެ ސަރުކާރުން އެގޮވަމުން ދަނީ ރައްކާތެރިވެ ސަމާލުވާށެވެ. ރޮއެގަނެގެން ތެޅިގެންނާކަށް ނޫނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަށް އަޅައިގެން އެކަހެރިވެ އުޅުމަށް ބާރުއަޅަނީއެވެ.

ދިވެހީންނަށް ރައްކާތެރިވުން ސިފަކުރެވެނީ ބިސް ކޭހާއި ، ކާޑުގެ ބާވަތްތަކާއި ، ތެލާއި ، ޓޮމާޓޯ ކޭސްތައް ކޮޓަރީގެ އެނދުދަށަށް ކޮއްޕުމެވެ. އެހެނަސް ބިސްކޭސް ކުނިވެ ، ހަނޑޫ ބަސްދާތަކަށް މީދާ އަރައި ، އެހެން ބަލިތައް ފެތުރިގެން ދިއުމީ ދިވެހިން ހާސްވާ ކަމެއް ނޫނެވެ. ހާސްވަނީ މީހަކު “ކޮރޯނާއޭ” ކިޔާފައި ބަހެއް ބުނެލުމުންނެވެ. އަޅުގަނޑު މިދަންނަވަނީ އެއްވެސްގޮތެއްގައި ކޮރޯނާއާއިމެދު އިހުމާލުވެ އަޅާނުލުމެއް ނޫނެވެ. ނަމަވެސް ކާބޯތަކެތީގެ ސާފުތާހިރުކަމާއި ގޭތެރޭގެ ސާފުތާހިރުކަމަކީވެސް މިހާލަތުގައި ބަލަންޖެެހޭނެ ކަމެއްގެގޮތުގައެވެ. ފާރުގައި ހަރުކޮއްފައި ހުރި ޓީވީއަށް ބަޔަކު އަރައި މިފެތުރޭ ރޯގާއާބެހޭ މައުލޫމާތުދޭން ފެށުމުން މީހުންގެ ސަމާލުކަން އެދިމާއަށް ހުއްޓެއެވެ. ކޮންމެވެސް ރިސޯޓެއް ބަންދުކޮށް ކޮންމެވެސްބަޔަކު އެކަހެރި ކޮއްފިޔޭ ބުނުމުން މީހުންގެ ގައިގައިވާ ލޯލި އިސްތަށިތަށް ކޮއްޅަށްޖެހެއެވެ. ނުތަނަވަސްވެ ހިތްތެޅެއެވެ. އަނެއްކާ ރޯދަމަސް ޖެހެންދެން ގޭގައި ކާބޯތަކެތި ތިބޭނެ ކަމާމެދު ވިސްނެއެވެ.

ޑޮކްޓަރުންނާއި ހަކީމުން ބުނާގޮތުގައިމިބައްޔާއި ބެހޭގޮތުން ބިރުވެރި ވާހަކަތަކާއި ބޯހަމަނުޖެހޭ ކަންކަމާއި މެދު ވިސްނުމަކީ ބަލި ފެތުރުމަށް އެހީވެދޭ ބަހާވަތުގެތެރޭގައި ހިމެނޭ ކަމެކެވެ. އެހެނީ އިންސާނާގެ ގައިގައި ކަމަކާމެދު ބިރުވެރިކަން އަށަގެންފިނަމަ އެކަމުގެ ސަބަބުން އޭނާގެހަށިގަނޑުގައި ހުންނަ ބަލިދިފާއުކުރުމުގެ ދިފާއީބާރު ނުވަތަ (މަކާވަތު) ކުޑަވެ ކަމީނާވެ ހިނގައިދާނެއެވެ. އެހެންނޫނަސް ދިވެހީންނަކީ އެމީހުންގެ ހަށިގަނޑުގައި ލެޔާއި ، ހަކުރާއި ، ލޮނާއި ފުއް ގިނަވެފައިވާ މީހުންނެވެ. އުމުރުން40 އަހަރު ވާއިރު މިބައިތައް ނުހުންނާނެ އެއްވެސް މީހެއް ނެތުމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވުމާއެކު ކާބޯތަކެތީގެ ކަންކަމާއި ވަޔަފާރީގެ ކަންކަންފަދަ އެއްޗިއްސާއިމެދު ހާސްވެއްޖެނަމަ ހޮސްޕިޓަލްތައް އޮބިނޯންނަވަރަށް ހާޓްއެޓޭކާއި ،ސްޓްރޯކްފަދަ ކަންކަމުގައި ވޯޑުތައް ފުރާލާނެއެވެ. އޭރުން ކޮރޯނާ ޖެހޭ މީހުންނަށް ފަރުވާދޭނީ ކޮންތާކު ހެއްޔެވެ.

މިވަބާއަިން ރައްކާތެރިވުމަށްޓަކައި ސިޔާސީންނާއި ، ސައެންސީންނާއި ، ދާރިސީންނާއި ބާހިސީން މީސްތަކުންނަށް ގޮވައިލަނީ ދެއަތާއި ބޭނުންކުރާ ކަންވާރުތަކާއި އާންމުތަންތަން ސާފުކޮއް ތަޤީމު ކުރުމަށެވެ. އަނގަޔާއި ނޭފަތަށް އަތްބާނައި ހޭވުން ހުއްޓާލުމަށެވެ. ލޮލުގައިވެސް އަތްނުލެވޭތޯ ހިތްވަރު ކުރަންވީއެވެ. އެހުރިހާ ބޭފުޅުންވެސް ކަށަވަރުކޮއްދެއްވާގޮތުގައި ވައިރަލް ބަލިތައް ހިސާރުކޮށް އެބަލިތަކުގެ ނުރައްކާތެރިކަން މަތަކޮށް ފެތުރުން މަނާކުރުމަށްލިބިގެންވާ އެންމެ ރަނގަޅު ، އެންމެ އަގުހެޔޮ އެންމެ ފަސޭހަ ވަސީލަތަކީ ސާފުތާހިރުކަމެވެ. އެހެންކަމުން ރައްކާތެރިކަމަކީއެސް.ޓީ.އޯ އަށް ދުވެ އެތަނުގައި ތިބިހައި މަސްދަޅުކޭސްތައް ހުސްކުރުމެއްނޫނެވެ. ކޮރޯނާ އޮތަސް ނެތަސް ކަނޑުގައިމަސްތިބޭނެއެވެ. ރައްކާތެރިކަން ލިބިގަންނާނީ ސާފުތާހިރުކަމުންނެވެ. އަމިއްލަ ނަފްސުގެ ތާހިރުކަމާއި އުޅޭ މާހައުލުގެތާހިރުކަމެވެ. މާތް ﷲގެ އިރާދަފުޅުން އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަކީ މިފަދަ ވަބާގެ ޝިކާރައަށް ވެގެންނުދާނެ ރައްކާތެރި ޤައުމަކަށް ވެގެން ދާނެއެވެ. ބޭނުންވަނީ ސިއްހީ މާހިރުންގެ ބަސްއަހައި އެބޭފުޅުންނަށް އެއްބާރުލުން ދިނުމެވެ.