English Edition
Dhivehi Edition

ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، އިޓަލީގެ ޓޫރިސްޓަކު ގައުމަށް ފުރުވާލި މައްސަލައިގައި އެ ރިސޯޓުގެ ބިދޭސީ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި އެވެ.

ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު އިސިން ސެކެން ކޮކަބަސްގެ ޕާސްޕޯޓު ހިފަހެއްޓުމަށް އަމުރު ނެރެފައިވަނީ ފަތުރުވެރިޔާ ފުރައިގެން ދިޔަ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީވެ، ތަހުގީގު ނުނިމެނީސް އޭނާ ފުރައިގެން ގޮސްފާނެ ކަމަށް ބެލެވޭތީއެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހޯމަދުވަހު ނެރުނު އަމުރުގައި، ތުރުކީގެ އަންހެން ޑޮކްޓަރު ފުރުން މަނާކޮށްފައި އޮތީ އަންނަ އެޕްރީލް މަހުގެ 22 އާ ހަމައަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، ފަތުރުވެރިޔާގެ ކިބައިން ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ހުރިކަން އެނގިހުރެ، އެކަން އަންގަން ޖެހޭ ފަރާތްތަކަށް ނޭންގުމާއި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވި މައްސަލަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނި އަދި އަނބުރައިގަނެގެން ވެއްޓިގެން ވެސް ފަރުވާދޭން ޖެހުނު ޓޫރިސްޓު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ރާއްޖެ އިން ފުރައިގެން ދިޔަ ފަހުންނެވެ. މިއީ، ރާއްޖެ އިން ފެނުނު މި ވައިރަހުގެ ފުރަތަމަ ކޭހެވެ.

އޭގެ ފަހުން ރާއްޖެއިން އެންމެ ފުރަމަ ކޮރޯނާވައިރަސްއަށް މީހަކު ޕޮޒިޓިވްވީ މިމަހު ހަތް ވަނަ ދުވަހު ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުން ފަސް މީހުން ޕޮޒިޓިވި އިރު، އޭގެ ތެރޭގައި އެ ޑޮކްޓަރުވެސް ހިމެނެއެވެ. ނަމަވެސް މިހާރު ޑޮކްޓަރުން ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާފައެވެ.

ކޮރޯނާވައިރަހުގެ އަލާމާތްތައް ހުރި ޓޫރިސްޓު، ރަސްމީ ފަރާތްތަކަށް ނާންގައި ފޮނުވާލި މައްސަލަ ބަލަން ފުލުހުންނަށް އަމުރު ކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމެވެ.