English Edition
Dhivehi Edition

ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި 1 ލައްކަ ވެންޓިލޭޓަރު އެމެރިކާއިން އުފައްދާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވިއިރު ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި މަޝްހޫރުވެފައިވާ އެމެރިކާގައި ހަލުވިކަމާއި އެކު ކޮވިޑް19 ފެތުރެމުންދާއިރު އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ނެތިގެން އެކަމުގެ ޝަކުވާ ކުރަން ފަށާފައެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ކޮވިޑް19 ޖެހިގެން ހާލުބޮޑުވާ ފަރާތްތަކަށް ފަރުވާދިނުމަށް ބޭނުންވާ ވެންޓިލޭޓަރެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ޓްރަމްޕް ވިދާޅުވީ، ލައްކައެއްހާ ވެންޓިލޭޓަރު އުފައްދަން ނިންމި ނަމަވެސް އެ ހުރިހާ ވެންޓިލޭޓަރެއްގެ ބޭނުން އެގައުމުން ފަހަރެއްގައި ކުރަން ނުޖެހިދާނެ ކަމަށެވެ. އެހެން ވެއްޖެ ހާލަތެއްގައި އެތަކެތި ބޭނުންޖެހިފައިވާ އެހެން ގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށް ޓްރަމޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1 ލައްކައަށް ވުރެ އިތުރުވެފައެވެ. އެއާއި އެކު ކުރިން އެހާ ސީރިއަސް ކަމެއް ނެތި ކޮވިޑް19 އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ގެންދެވި ޓްރަމްޕްގެ ވާހަކަފުޅުތައް ވެސް މިހާރު ވަނީ ބަދަލުވެފައެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެމެރިކާއިން ވަނީ 14602 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.