English Edition
Dhivehi Edition

މެންދަމުގެ ހަމަހިމޭން ވަގުތު ޕޮލިސް ވެހިކަލްގެ އަޑާއެކު މުޅި މާހައުލު ގުގުމާލައިފިއެވެ.. ކޮޓަރިތެރޭގައި އެކިކަންކަނުގައި ލޯމެރިފައިތިބި ޒުވާނުންތައް ވާނުވާ ނޭގޭ ހާލު ސަލާމަތްވުމަށްޓަކައި ދުއްވައިގަތެވެ. ބިޑި އަޅުވައިގެން ފަހަރަކު ޒުވާނެއް ޕޮލިސް ވެހިކަލްތެރެއަށް އަރުވަމުން ދިޔައިރު އެ ދަންވަރުވެސް ކުޅިބެލުމަށްޓަކައި މީހުން ވަނީ މަގުމައްޗަށް ޖަމާވެފައެވެ.

“އާދެވިއްޖެ ދޯ؟ ރޭ ހަތަރު ދަމު ކޮންތާކު ތެޅިތެޅިފަ ތިއައީ؟” ގެއަށް ވަނުމާއެކު މަންމަގެ ނުރުހުމުގެ ބަސްތައް އަޑު އިވުމުން ވީ ފޫއްސާއެކު ކޮޓަރިއަށް ވަނީ އެ ސުވާލުތަކަށް ޖަވާބުދޭން ބޭނުން ނުވާތީއެވެ. “އޭނަ އަމިއްލައަށް އައީތަ؟ ޕޮލިސް އޮފީހުން މަށަށް ގުޅައިގެން މަ އޭނަ ބަލާ ދިޔައީ؟ ނަސީބެއް ޕޮޒިޓިވް ނުވިކަން. އެ ނޫންނަމަ ދެން އެ ނިމުނީ” އަހަރެންގެ ފަހަތުން ގެއަށްވަން ބައްޕަގެ އަޑާއެކު މަންމަގެ ރުޅިގަޑު ހައްތަހާ ގަދަވެގެން ދިޔައެވެ.” މި އޮތީ މަށަށް އަންހެން ދަރިއެއް ލިބިފަ. މާދަން ކަންނޭގޭ ގެންގޮސް ޖަލަށް ކޮއްޕާލާނީ. ބަލަ މިގެއިން ކޮންކަމެއް ނުވެގެންތަ ޒާތްޒާތުގެ އެއްޗެހި ނުލިބިގެން ތި ދުވަނީ. މީ ނޫމާންގެ ކަންތަކޭ.” “ބަލަ މަ ކީއްތްތަކުރީ؟ ދަރިން ބެލުމަކީ ފަހީމާގެ ޒިންމާއެއް.” އާދައިގެ މަތިން ފެށުނު ޒުވާބު ނިމުނީ ގޭގައި ހިފާ ގެންގުޅޭ ސަމާންތައް ސުންނާފަތިވި ފަހުންނެވެ.

އަހަރެން ބޮޑުވަމުން އައީ ތޮއްޖެހިފައިވާ މާލޭގެ ހަލަބޮލި މާހައުލުގެ ތެރެއަށެވެ. ޖާގައިގެ ދަތިކަމާއެކު އަހަރެމެން އުޅެމުން އައިތަން ކުޑަވުމުގެ ސަބަބުން އަބަދުވެސް އޮންނަނީ އާއިލީ މައްސަލަތަކާއެކު ސިއްހީ މައްސަލަތައްވެސް ކުރިމަތިވެފައެވެ. މުޅި އުމުރު ނިކަމެތިކަމާއެކު ދަތި ހާލުގައި އުޅެންޖެހުމުގެ ސަބަބުން މަންމަ އާއި ބައްޕަގެ ޒުވާބުގެ އަޑުވަނީ އަބަދުވެސް ކަންފަތުގައި ހަރުލާފައެވެ. ދަރިންނަށް ރަގަޅު ތައުލީމާއި ސިއްހީ ހިދުމަތްތައް ހޯދައިދިނުމަށްޓަކައި މައިންބަފައިން އެމީހުންގެ އުފަން ފަސްގަޑު ދޫކޮށް މާލެ ބަދަލުވި ނަމަވެސް އެކަމުން ކުރިމަތިވީ އިތުރު ހިތްދަތިކަމާއި މާޔޫސްކަމެވެ. އުފަން ރަށުގައި ހުރި ގެގަޑު ވީރާނަވެ ދެން ދާނެ އެހެން ތަނެއް ނެތުމުން އާއިލާގެ ތިންކުދިންނާއެކު އެ ކުޑަ ކޮޓަރިގަޑުގައި އުޅެން މަންމައަށް ވަނީ މަޖްބޫރުވެފައެވެ.

އެންމެ ކުޑައިރުންފެށިގެން އަހަރެން އުޅެމުން އައީ އެއްބަނޑު އެއްބަފާ ދެބޭބެއާއި އެކު އެއްކޮޓަރިއެއްގައެވެ. ގޭތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުން މަގުމައްޗަށް ނިކުތް ދެބެއިން ގޭތެރެއަށްވަނީ އަހަންނަށް މުޅިން އާ މަންޒަރުތަކަކާއެކުގައެވެ. އެމީހުން ހިންގަމުން ދިޔަ ވިޔާނުދާ އަމަލުތައް އަހަރެންގެ ލޯކުރިމަތީގައި ފެންނަމުން ދިޔައިރު އަހަރެންވެސް ދިޔައީ މަޑުމަޑުން އެކަންތަކަށް ހިތްޖެހި އެ ކަންތައް ތަޖުރިބާ ކޮށްލަން ބޭނުންވަމުންނެވެ. އެ ދެމީހުން މަގު އޮޅި މަގުމައްޗަށް ގިނަވުމާއެކު މަންމައާއ ިބައްޕަ ކުރަމުން އައި ޒުވާބު ދިޔައީ އިތުރުވެގެންނެވެ. ދެމީހުންކުރެ އެއްވެސް މީހަކު ދަރިންނަށް ނަސޭހަތްދީ އިސްލާހުކުރަން މަސައްކަތް ނުކުރި ހާލު އެކަކު އަނެކަކުގެ ބޮލުގައި ޒިންމާ އަޅުވަމުން ދިއުންވެގެން ދިޔައީ އަހަރެމެންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ.”މިގެއަށް ވަދެއްޖެއްޔާ ބޯ ފަޅައިގެންދާ ވަރުވޭ. މިއަށްވުރެ މަގުމަތިވެސް މަށަށް މާ ރަގަޅު” ނާހިދު ބޭބެ ވާހަކަ ދައްކަމުން ދިޔައިރު ފޮތަށް ސަމާލުކަންދޭން މަސައްކަތްކުރި ނަމަވެސް އަހަރެންގެ ސަމާލުކަން ހޯދަމުން ދިޔައީ އެމީހުން ދައްކަމުން ދިޔަ ވާހަކައެވެ. “އެހެންވެގެން އަހަރެން މިހެން ބޭރު ތެރޭގަ އުޅެނީވެސް. ބޮލަށް ފައްސޭހައެއް ނުން” ބޭބެމެން ދައްކަމުން ދިޔަ ވާހަކައިގައި އަހަރެންވެސް ބައިވެރިވާން ބޭނުންވިއެވެ.”ބޭބެ އަހަރެންވެސް ބޭނުން” ޖެހިލުންވެ ހުރެ އަހަރެން އެކަމުގެ ތެރެއަށް ވަންނަން އެދުނު ނަމަވެސް އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އެއީ މާ ބޮޑު ކަމެއް ނޫންކަން އަހަންނަށް އެގިގެން ދިޔައެވެ. ދުނިޔެމަތީގައި އަހަރެންނަށް ހެޔޮމަގު ދައްކައި ހިމާޔަތްކޮށްދޭން ތިބި މީހުން އަހަރެން ބޮޑު އަދަވަޅަކަށް ވައްޓަމުން ދިޔައިރު އަހަރެންގެ ޅަ ސިކުނޑިއަށް މި ކުރެވޭ ކަމަކީ ކިހާ ނުބައިކަމެއްކަން ވިސްނައިގަންނާކަށް ނޭގުނެވެ.

ހަލަބޮލިކަމާއި މައްސަލަތަކުގެ ތެރޭގައި އުޅެމުން އައި އަހަރެންގެ ފޫހި ދިރިއުޅުން ބޭބެމެން ކޮށައިދިން އާ މަގުގެ ސަބަބުން އަލިވެގެން ދިޔައެވެ. އުމުރުން އެންމެ ބާރަ އަހަރުގައި ވިޔާނުދާ ގުރޫޕުތަކާ ގުޅި އަހަރެންވެސް މަގުމައްޗަށް ނިކުތީ ގެއިން ނުލިބޭ ހިތްހަމަޖެހުމާ އުފާ ބޭރުތެރެއިން ހޯދުމަށްޓަކައެވެ.

ފުރާވަރަށް އަރަމުން އައި އިރު އަހަރެންގެ ދިރިއުޅުން ވަނީ ބޮޑު އޮޅުން ބޮޅުން ގަޑެއްގެ ތެރޭގައެވެ. އެ ކަށި ޖަންގަލީން ނިކުންނަން އަހަރެން ބޭނުންވިނަމަވެސް އެ ތަނުން ނުނިކުމެވޭ ވަރަށް އަހަރެންވަނީ މަގު އޮޅިފައެވެ. އެތައް ފަހަރަކު ވިޔާނުދާ އެކުވެރިންނާ އެމީހުންގެ މަޖާ ދިރިއުޅުން ދޫކޮށް ރީތި ދިރިއުޅުމެއް އުޅެން ބޭނުންވި ނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ އެއްވެސް ފަރާތެއް ނެތެވެ. އައިލާގެ ނުރުހުމާ މީހުންގެ މަލަމާތުގެ ސަބަބުން ދިރިއުޅުމާ މެދު މާޔޫސްވެ ދިރިއުޅުމުގެ ދަތުރު ކުރުކޮށްލަން ބޭނުންވި ވަގުތު އަހަންނަށް އެހީތެރިކަމުގެ އަތްދިއްކޮށްލީ ނުވެސް ދަންނަ ޒުވާނެކެވެ. ބިޔަކަނޑުގެ ރާޅާ އެކު އަރަގުވަމުން ދިޔަ އަހަރެންގެ ދިރިއުޅުމަކީ އަހަރެންގެ ހައްގެއް ނޫންކަން އަހަންނަށް ވިސްނައިދިނެވެ. އެތެއް ޒަމާނެއްވަންދެން އަހަރެން ހިތުގައިވާ ހުރިހާ ޝަކުވާއެއް އެ ޒުވާނާ ކުރިމަތީގައި ބަންޑުންކޮށްލިއިރު އަހަރެންވަނީ ވަރުބަލިވެފައެވެ.” އަހަރެން ދިރިއުޅެންވީ ކާކަށްޓަކައި؟ ތައުލީމެއް ތަރުބިއްޔަތެއް ނެތް އަހަރެންމީ މި މުޖުތަމައުއަށް ކީއްކުރާ މީހެއް؟ އަހަރެން ދެކެ ލޯބިވާ ހަމަ އެކަކުވެސް. އުމުރުން އެންމެ ސަތާރަ އަހަރު ވިއިރު ދުނިޔެލެއްވިހާ ނުބައި ކަމެއް އަހަރެންވަނީ ކޮށްފަ. ނޫން އަހަރެން ބޭނުމެއް ނޫން ދުނިޔޭގަ އުޅޭކަށް. އަހަރެންގެ މައިންބަފައިންނަށްވެސް މިހާރު ރަގަޅުވަނީ އެ ގޮތް.” އަހަރެން ރޮމުން ދިޔައިރު ގިނަފަހަރު ކިއޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ. “ހުރިހާ ނުބައިކަމެއްކޮށް އެކަންތަކާ ހިތާމަކޮށް ރަގަޅު މަގު ހިޔާރުކުރަންވީ ވަގުތު ތި ކުރަން އުޅެނީ ދުވަހަކުވެސް ފާފަނުފުއްސަވާނެ އެންމެ ނުބައި ކަންތައް. ކާކުތަ މި ދުނިޔެމަތީގައި އެއްވެސް މައްސަލައެއް ނެތް އުފާވެރި ދިރިއުޅުމެއް އުޅެނީ. ކޮންމެ މީހަކަށްވެސް މައްސަލަތައް ދިމާވާނެ. އެކަމަކު އޭގެ މާނައަކީ ދިރިއުޅުމަށް އެންމެ ނުބައި މަގު ހިޔާރުކުރުމެއް ނޫން. ކެތްކުރަންވާނެ. ހިތްވަރާއެކު ކަންތަކާ ކުރިމަތިލާން ޖެހޭނެ. ނުހާ ރަގަޅުވާން ބޭނުމިއްޔާ އަދިވެސް އެ ފުރުސަތު އެބައޮތް. ތި ވިޔާނުދާ އުޅުން ދޫކޮށްލާ. އެއްވެސް އިންސާނަކަށް ﷲ ދެރަގޮތެެއް މެދުވެރިއެއް ނުކުރައްވާނެ” ހަޔާތުގައިވެސް މީހަކު އެހާ އޯގާތެރިކަމާއެކު އަހަންނަށް ނަސޭހަތް ދިން ފުރަތަމަ ފަހަރު އެ ވާހަކަ ތަކުން އަހަރެން ހިތުގައި ނޭގޭ އާ އުއްމީދުގެ ހުޅުކޮޅެއް ދިއްލިގެން ދިޔައެވެ. ރައްޓެހިން އަހަރެންގެ ވަށައިގެން އެބުރެމުން ދިޔައިރުވެސް އަހަރެން މަޑުމަޑުން އިނީ އެމީހުންކުރާ ކަންތަކުގައި ބައިވެރިނުވާން އަޒުމް ކަޑައަޅައިގެންނެވެ. ޕޮލިސް ވެހިކަލް އައިސް އަހަރެންގެ ރައްޓެހިން އަތުގައި ބިޑި އަޅުވަމުންދިޔައިރު އަހަރެން ގުޑިވެސް ނުލާ އިނީ ހިތަށް ލިބެމުން ދިޔަ ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ.

ކުއްލިއަކަށް އަހަރެންގެ ހިޔާލީ ވާފަށް ދޫވެ ސިއްސައިގެން ދިޔައީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެންގެ ދިރިއުޅުމަށްވެސް މުޅިން އާ ފަތިހަކަށް އަލިވިލުނު ކަމުގެ އިހްސާސް އަހަންނަށް ކުރެވިގެން ދިޔައެވެ.އެ ކަށިކުބުރު ޖަންގަލިން ނިކުންނަން އަހަރެން މަސައްކަތް ކުރަމުން ދިޔައިރު އެތެއް ފަހަރު އެތައް ކައްޓެއް އަހަރެންގެ މުޅި ގަޔަށް ހެރެމުން ދިޔަނަމަވެސް އަހަރެން ހިތްވަރު ބަލިއެއް ނުކުރަމެވެ. އެއް އަހަރު ދުވަސް ވަންދެން ހިތްވަރާ އަޒުމާއެކު އަހަރެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. އަމިއްލައަށް ރަގަޅުވާން ބޭނުންވެ އާއިލާގެ އެއްވެސް އެހީތެރިކަމެއް ނެތި އަހަރެން ރަގަޅުވެގެން މުޖުތަމައަށް އައި އިރު އަހަންނަށް އެ މަގު ކޮށައިދިން ބަލަދުވެރިން ވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ. “މަންމައަށް ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެ. މިއަދު ދަރިފުޅުގެ ކުރިމައްޗަށް އަރަން މަންމަ ލަދުގަނޭ. ހިތަށް އަރާ އެދުވަހު އެކަކު އަނެކަކުގެ ބޮލުގަ ޒިންމާ ނާޅުވާ ދަރިފުޅުމެންނަށް ނަސޭހަތްދީ ލޯބިދެވުނު ނަމައޭ. ދަރިފުޅުބުނީ ރަގަޅަށް. އެންމެންވެސް އުޅެނީ ދަތި ހާލުގަ. އެކަމަކު އެ ހާލަތައް ވެއްޓެނީ ހުދު ތިމާ އަމިއްލައަށް. ތިމާ އާއި ހަވާލުކުރައްވާފައިވާ އަމާނާތައް ކޮންމެ ހާލެއްގައިވެސް ރަގަޅު ގޮތުގައި ބަލާ ބޮޑުކުރުމަކީ އަހަރެމެންގެ ޒިންމާއެއް. މަންމައަށް މައާފްކުރޭ.” މަންމަ އަހަރެންގެ ގައިގައި ބައްދައިގެން ރޮމުން ދިޔައިރު މަންމައަށް ހެޔޮ ވިސްނުނީތީ އަހަރެން އުފާވި ނަމަވެސް އޭރުވަނީ ވަގުތު ފާއިތުވެފައެވެ.

ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ދަތިއުދަގޫ ކަންކަމާ ދިމާވާނެކަމާއި އެކަމަށް އޮތް ހަމަ އެކަނި ހައްލަކީ ނުބައި މަގު ހިޔާރުކޮށް މަރުވުން ނޫން ކަމުގައި އަހަންނަށް ވިސްނުނެވެ. ތިމާގެ ދިރިއުޅުން ތިމާ ބޭނުންވާ މިސްރާބަށް އަބުރާލުމުގެ ބާރުވަނީ ތިމާގެ އަތުގައިކަމާއި ބޭނުންވަނީ ހިތްވަރާ ކެރުން ކަމުގައި އަހަންނަށް ދަސްވެގެން ދިޔައެވެ. މިއަދު އަހަރެންގެ ދިރިއުޅުން މިވަނީ އަހަރެން ބޭނުންވާ މިސްރާބަށް އަބުރާލާފައެވެ. އަހަރެންގެ ކަޅު އަދިރި މާޒީ ދޫކޮށް މުޖްތަމައަށް ރަގަޅު މީހެއްގެ ގޮތުގައި އަހަރެން އެބުރި އައީ އަހަންނަށްޓަކައެވެ. (ނިމުނީ)