ހިތަދޫ ސްކޫލްގެ ހަތަރު ހައުސް ގެ މެދުގައި މަދަހަ މުބާރާތެއް ބާއްވައިފި އެވެ. ސްކޫލްގެ ޤުރުއާން އަދި އިސްލާމް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންގެ ކިބައިގައި މަދަހަ ކިޔުމުގެ ހުނަރު ދިރުވައި އާލާ ކުރުމެވެ. އަދި މަދަހަ ކިޔަން އެނގޭ ދަރިވަރުންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތު ހުޅުވާލުމެވެ.
މިމުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލެވިގެންނެވެ. މުބާރާތުގައި ޖުމްލަ 126 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މުބާރާތް އިންތިޒާމް ކުރުމުގައި ސްކޫލްގެ އިސްލާމް ކްލަބުގެ ހުރިހާ މުދައްރިސުންގެ ވަރަށް ފުރިހަމަ އެއްބާލުމެއް ލިބިފައިވާ ކަން އިސްލާމް ކްލަބް ހިންގުމާއި ހަވާލުވެ ހުންނެވި ލީޑިންގް ޓީޗަރ އައިޝަތު ރަމްލާ ފާހަގަ ކުރައްވާފައި ވެއެވެ.
މަދަހަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ގައި ވަނީ ކުރިން ނިމިފައިވާ އިންޓަރ ހައުސް ޤުރުއާން މުބާރާތުގެ ނަތީޖާ ވެސް އިޢުލާން ކޮށްފައެވެ. މަދަހަ މުބާރާތުން އެއްވަނަ ހޯދި އަހުސް އާއި ޤުރުއާން މުބާރާތުން އެއްވަނަ ޙާސިލް ކުރި ހައުސް ވަނީ އިއުލާން ކޮށްފަ އެވެ. މީގެ އިތުރުން ވެސް މި ދެމުބާރާތުގެ ދެވަނަ އަދި ތިންވަނަ ހައުސް އާއި އެކި އެކި އުމުރު ފުރާ ތަކުން ވަނަ ހާސިލް ކުރި ދަރިވަރުން ވަނީ އިއުލާން ކޮށްފައެވެ.
މަދަހަ މުބާރާތުގެ އިތުރަށް ކޮންމެ އަހަރަކުވެސް ދަރިވަރުންގެ ހިތްތަކުގައި ދީނީ ކަންތައްތައް ދިރުވައި އާލާ ކުރުމުގެ މަޤްސަދުގައި ވަރަށް ގިނަ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މިއަހަރު ވެސް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.