އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއަހަރުގެ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 6 ޢުމުރުފުރައަކުން 95 ބައިވެރިން ވަނީ ވާދަކޮށްފައެވެ.
އޭއޯ މަދަޙަ މުބާރާތަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މީގެ ކުރިން ބާއްވަމުން އައިސްފައިވަނީ ހަމައެކަނި އައްޑޫސިޓީއަށް ހުޅުވާލައިގެން ނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން ކޮށެވެ.
މި މުބާރާތުގައި ބައިވެރިވި ޢުމުރުފުރާ ތަކަކީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ.
މީގެ ކުރިންވެސް އޭއޯ އިން ކާމިޔާބު މަދަޙަ މުބާރާތްތަކެއް ބާއްވާފައިވާއިރު މި މުބާރާތްތަކުން ވަނަ ތަކަށް އައި ފަރާތްތަކަށް އޮސްޓްރޭލިއާ، ދުބާއީ، ޗައިނާ ސްޓަޑީ ޓުއާރ ފަދަ ތަޖުރިބާ ދަތުރު ތައް ވަނީ ހޯދާދީފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެއްވަނަ ދަރިވަރުންނަށް 3 ފަހަރެއްގެ މަތިން ވާނީ އުމްރާ ދަތުރުގެ އިނާމުވެސް ހޯދާދީފައެވެ.
މިއަހަރުގެ މުބާރާތަށް ވެސް ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން ވަނީ ޗައިނާ ވިންޓަރ ކޭމްޕް ޓުއަރ އެއްގެ އިނާމު ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ޝޮޕް އެންޑް ގޯ އާއި އައްޑޫސިޓީ ހިތަދޫ ދެކުނުދާއިރާގެ މަޖިލިސްމެމްބަރު އިބްރާހިމްނާޒިލް އާއި މަލްޓިމާޓާއި ހެޔޮ އެދޭ ފަރާތްތަކުން ވަނީ މުބާރާތަށް ސްޕޮންސަރުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެއްވަވާފައެވެ.
އޭއޯ 5 ވަނަ މަދަޙަ މުބާރާތުގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ 15 މެއި 2021 ވާ ހޮނިހިރު ދުވަހުގައެވެ. ނަތީޖާ އިއުލާން ކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ މުބާރާތުގައި ބައިވެރިވި ކުދިންނާއެކު އޮންލައިން ރަސްމިއްޔާތެއްގެ ގޮތުގައެވެ.
މި މުބާރާތުގައި ހޮވާނެ ވަނަތައް:
މުބާރާތުގެ ކޮންމެ އުމުރުފުރައަކުން ގަދަ 5
ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ
މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އެވެ.
މީގެ އިތުރުން ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރާ ބައިވެރިންގެ ވީޑިއޯ ތަކުގެ ތެރެއިން 200 އަށް ވުރެ މަތިން ލައިކްސް ލިބޭ ވީޑިއޯ ހުށަހަޅާ ކޮންމެ ކުއްޖަކަށް އޭއޯ އިން ގިފްޓް ވައުޗަރ އެއް ދޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.