English Edition
Dhivehi Edition

އިދިކޮޅު ފަރާތްތައް އެކުވެގެން ވެސް ރައީސް ޔާމީނާ ވާދައެއް ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީނާ ވާދަ ކޮށްލާނެ ރިޔާސީ ކެނޑިޑޭޓެއް ވެސް ނެތް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ “ރުވާމު 2” ޖަގަހައިގާ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވީ ޕީޕީއެމާ ވާދަކޮށްލާނެ ރިޔާސީ ކެނޑިޑޭޓެއް ނެތް ކަމަށާއި ކަރުދާސްކޮޅު ލިބުނީމާ އެންމެންނަށް ފެންނާނީ ރައީސް ޔާމީންކަމަށެވެ.

” ދެވަނަ ތަން ބްލޭންކް، ތިން ވަނަ ތަން ބްލޭންކު އަދި ހަތަރު ވަނަ ތަން ވެސް ބުލޭންކު. ކިހިނެތްތޯ ޕެޓްރޯލާއި އަލިފާނާއި ފެނާއި ދެންވެސް އެހެން ބާވަތުގެ ތެލާ އެއްކުރާނީ. ނުވާނެ. އެކަން ވިޔަވެސް ނުދޭނަން،” ޝަރީފް ވިދާޅުވި އެވެ.

ޖަސްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިއަދު މިއޮތް ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށާއި އެކަމުގެ ތަޖުރިބާ ހުރި މީހުން ތިބީ ސަރުކާރުގައި ކަމަށެވެ.

” ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް. މި ޕާޓީ ބަލި ނުކުރެވޭނެ. ފެންނަމުންދާ މަންޒަރުތަކުން ބަލިކުރެވިދާނެ މަންޒަރުތަކެއް ނުވެސް ފެނޭ. މިހާރު މިއޮތް ވެރިކަން ވައްޓައެއް ވެސް ނުލެވޭނެ . ވެރިކަން ވައްޓާލިއަކަ ނުދޭނަން. ތަޖުރިބާ ލިބިފައި ތިއްބެވި ބޭފުޅުން މިތިއްބެވީ. މިބޭފުޅުން ގެންގޮސްގެން އެކަން ވާނީ. މިބޭފުޅުންދާކަށް ތައްޔާރެއް ނޫން. ކާމިޔާބުކަމާ އެކު އެކަން ކޮށްފައި ވެސް އޮންނާނީ އަޅުނގަޑުމެން،” ޝަރީފް ވިދާޅުވި އެވެ.

ޝަރީފުގެ ވާހަކަފުޅުގައި އިދިކޮޅުގައި މިހާރު ތިއްބެވި އިސް ލީޑަރުން މީގެ ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ނުސީދާ ގޮތެއްގައި ފާހަގަކޮށް އިދިކޮޅު ފަރާތްތަކަށް ވަނީ ފާޑުވިދާޅުވެފަ އެވެ.