ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުގެ ތެރެއިން މިހާރު ކުރިއަށްދާ ސީޒަނުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކަމަށް ފްރާންސް ފުޓްބޯލް އިން ހާމަކޮށްފިއެވެ.
2013 ވަނަ އަހަރުންފެށިގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓުންގެ ލިސްޓުގެ ގަދަ 3 ގައި ހިމެނެމުން އަންނަ މެސީ އަށް މުސާރައާއި ބޯނަސްގެ އިތުރުން އެޑްވަޓައިޒިން ރެވެނިއުގެ ގޮތުގައި 131 މިލިއަން ޔޫރޯ ލިބިފައިވެއެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ 118 މިލިއަން ޔޫރޯގެ އާމްދަނީ އަކާއެކު ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ތިންވަނައިގައި އުޅޭ ނޭމާ އަށް 95 މިލިއަން ޔޫރޯގެ އާމްދަނީއެއް ލިބިފައިވާއިރު، މި ލިސްޓުގައި ދެން ހިމެނޭ ރެއާލް މެޑްރިޑުގެ ގަރެތު ބޭލް އާއި ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ އިތުރުން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑްގެ އާމްދަނީ އަކީ 38 މިލިއަން ޔޫރޯ އެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިންގެ ލިސްޓުގެ ގަދަ 10 ގައި ދެން ހިމެނެނީ، ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ (34 މިލިއަން ޔޫރޯ) އާއި މެންޗެސްޓާ ސިޓީގެ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން (33 މިލިއަން ޔޫރޯ) ގެ އިތުރުން ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ (29 މިލިއަން ޔޫރޯ) އަދި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ (27 މިލިއަން ޔޫރޯ) އެވެ.
މީގެއިތުރުން، އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ކޯޗުންގެ ލިސްޓުގެ އެއްވަނައިގައި އުޅޭ ސިމިއޯނީ އަށް އެޑްވަޓައިޒިން ރެވެނިއު ނުލައި 40.5 މިލިއަން ޔޫރޯ ލިބިފައިވާއިރު، ދެވަނައިގައި އުޅޭ އިންޓަމިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ލިބުނު އާމްދަނީ އަކީ 30 މިލިއަން ޔޫރޯ އެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 27.5 މިލިއަން ޔޫރޯ އެވެ.