English Edition
Dhivehi Edition

ލިޔުނީ: އައިޝަތު އާލާ ނާޝިދު – 7އޭ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި އެޅޭ އެންމެ ބޮޑު ފިޔަވަޅެއްގޮތުގައި ގިނަގިނައިން އަތްދޮތުން ހިމެނެއެވެ. އެގޮތުން ކެއްސައި ކިނބިހި އެޅުމަށްފަހު ޓިޝޫ ރަނގަޅުގޮތުގައި ނައްތާލައި، ރަނގަޅަށް އަތްދޮތުން މުހިންމެވެ. ދުނިޔޭގެ 380،000އަށްވުރެ ގިނަ މީހުންނަށް މިވަޤުތު ޖެހިފައިވާ މި ބަލިމަޑުކަމަކީ (24 މާރޗް 2020ގެ އަދާހަމަ) ބައިނަލްއަޤްވާމީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާއިރު، ގިނަގިނައިން އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަނީ އިލްތިމާސްކުރަމުންނެވެ.

● ރަނގަޅަށް އަތް ދޮންނާނީ ކިހިނެއް؟

ފުރަތަމަ ރަނގަޅަށް އަތް ތެތްމާލާށެވެ. އެއަށްފަހު މުޅި އަތުގައި ސައިބޯނި ރަނގަޅަށް އުނގުޅާލާށެވެ. ދެން އަތުގެ ހުރިހައި ހިސާބެއްގައި ރަނގަޅަށް އަތްކާތްތާލާށެވެ. (ދެ އިނގިލި ދޭތެރެ، އަތުގެ ބޭރުފުށް، ބޮޑުވާ އިނގިލި). މިގޮތަށް 20 ސިކުންތު ވަންދެން ހާކާށެވެ. އެއަށްފަހު ރަނގަޅަށް ފެންއަޅައި ސައިބޯނި ފިލުވައިލާށެވެ. އަދި ނިންމާލުމަށްފަހު ޓިޝޫއަކުން އަތް ހިއްކާލާށެވެ.

● ކޮންކޮން ވަޤުތެއްގައި އަތްދޮންނަންވީ؟

1. ކެއްސާ ކިނބިހި އެޅުމަށްފަހު

2. ޢާންމު ތަނަކަށް ގޮސްފައި ގެއަށް އައުމުން (މިސްކިތް/ފިހާރަ)

3. ނަގުދު ފާއިސާގައި އަތްލުމަށްފަހު

4. ބަލިމީހަކަށް އެހީވުމަށްފަހު

5. ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން

މިނޫންވެސް ބައެއް ޢާންމު ޙާލަތްތަކުގައި އަތްދޮންނަން ޖެހެއެވެ. އެގޮތުން:

1. ފާޚާނާ ބޭނުންކުރުމަށްފަހު

2. ކުނި ސާފުކުރުމަށްފަހު

3. ޖަނަވާރުންގެ ގައިގައި އަތްލުމަށްފަހު (ބުޅާ/ދޫނި)

4. ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހު

5. އަދި އަތުގައި ފެންނަހެން މިލަ ހޭކިފައިހުންނަ މިނޫންވެސް ގަޑިތަކުގައި އަތްދޮންނަން ވާނެއެވެ.

● ހޫނުފެނުންތަ އަތްދޮންނަން ޖެހެނީ؟

ވަކި ޚާއްޞަ ފެނަކުން އަތްދޮތުން މުހިންމެއް ނޫނެވެ. ޖަރާސީމު ނައްތައިލުމުގައި ހޫނުފެނާއި ފިނިފެން ވަކި ތަފާތެއް ނެތް – ސައިބޯނި ބޭނުންކުރަންޏާމު!

● ސައިބޯނިތަ ސެނިޓައިޒަރތަ ރަނގަޅީ؟

ޢާންމު ގޮތެއްގައި މި ދޭއްޗަކީވެސް ޖަރާސީމު ނައްތައިލުމުގައި އިސްދައުރެއް ކުޅޭ އެއްޗެކެވެ. ބޭރުތެރޭގައި އުޅޭއިރު ހޭންޑް ސެނިޓައިޒަރ ބޭނުންކުރުން ބުއްދިވެރިއެވެ.

● ކޮވިޑް-19 ފެތުރުން ހުއްޓުވަން އަހަންނަށް ކުރެވޭނީ ކޮންކަމެއް؟

1. ކެއްސައި ކިނބިހި އަޅާއިރު މޫނުމަތި ނިވާކުރުން

2. މޫނުގައި އަތްނުލިއުން

3. ސޯޝަލް ޑިސްޓެންސިންގ ނުވަތަ ގައިދުރުކަން އިސްކުރުން

4. ބަލީގެ ޢަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެންގުން

5. ސާފުތާހިރުކަން އިސްކުރުން

ވީމާ، މިބަލިން ރައްކާތެރިވުމަށްޓަކައި އެންމެން އަތުގުޅާލައިގެން މަސައްކަތްކުރާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.