އައްޑޫސިޓީގެ މަރަދޫފޭދޫން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތް ހުރި މީހެއްގެ ސާމްޕަލް ނަގައިފިކަމަށް އައްޑޫސިޓީގައި ހަދާފައިވާ އެމަޖެންސީ ރެސްޕޮންސް ޓާސްކު ފޯހުން ހާމަކޮށްފިއެވެ.
ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގައި ހުރެފައި ރަށަށް އައިސްފައިވާ 31 އަހަރުގެ ފިރިހެނެކެވެ.
ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީން މިހާތަނަށް 6 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އެތަނުން 5 މީހުންގެ ނަތީޖާ ވަނީ ލިބިފައެވެ. އެހުރިހާ ނަތީޖާއެއްވެސް ނެގެޓިވް ކަމަށް ޓާސްކު ފޯހުން ބުނެއެވެ.
ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގައި ފްލޫ ކްލިނިކެއް ގާއިމްކޮށް ހުންއައުމާއި އަރިދަފުސްރޯގާ ފަދަ ބަލިތަކަށް ފަރުވާ ދޭން ވެސް ވަނީ ފަށާފައެވެ. އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކުރީގެ ޕަބްލިކް ހެލްތް ޔުނިޓްގައި ހުޅުވާފައިވާ މި ކްލިނިކަކީ އައްޑޫގައި އެކުލަވާލެވިފައިވާ ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް ޓާސްކްފޯހުން ގާއިމް ކޮށްފައިވާ ކްލިނިކެކެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.
މީގެ އިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.