English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިފަދަ ނިންމުމެއް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމާފައިވާއިރު އިއްޔެ އިން ފެށިގެން ތިން ހަފްތާގެ މުއްދަތަށް އިނގިރޭސިވިލާތް ވަނީ ފުރަބަންދު ނުވަތަ ލޮކްޑައުން ކޮށްފައެވެ. މި އެންގުމާޢި ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑް19 ފެތުރެމުންދާތީ މިއަދުން ފެށިގެން އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓު ހިންގާ އިމާރާތް ބަންދުވާނެއެވެ. އަދި ހުރިހާ ޝަރީޢަތެއް އަދި އެންގުތައް ވެސް އަންގާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިޔަ ނަމަވެސް އާއްމުންނަށް ޓީވީގެ ޒަރިއްޔާއިން ޝަރީޢަތްތައް ބެލޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 372611 އަށް މިހާރު ވަނީ އަރައިފައެވެ. އެ ވައިރަސް ޖެހިގެން 16313 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުން 6724 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. އެގައުމުން ލޮކްޑައުންގެ އުސޫލުތައް މިހާރު ވަނީ ވަރުގަދަ ކުރަން ފަށާފައެެވެ. މިފިޔަވަޅުތައް އިނގިރޭސި ސަރުކާރުން އަޅަން ފެށީ ލޮކްޑައުންގެ ގަވާއިދުތައް ހަރުކަށި ނުކޮށްފިނަމަ، އެގައުމުން 3 ލައްކައެއްހާ މީހުން މަރުވާނެ ކަމަށް ސިއްހީ މާހިރުން ލަފާކޮށްފައި ވަނިކޮށެވެ.

ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 1 ލައްކައަށް އެރީ 67 ދުވަހުގެ ތެރޭގައި ނަމަވެސް އެ ވައިރަސް ޖެހުނު މީހުންގެ އަދަދު އެއަށްފަހު ވަރަށް ހަލުވިކަމާއި އެކު ވަނީ އިތުރުވެފައެވެ. އެގޮތުން 1 ލައްކައިން 2 ލައްކައަށް އެރުމަށް 11 ދުވަސް ނެގިއިރު ވައިރަސް ޖެހުނު މީހުންގެ އަދަދު 3 ލައްކައަށް އިތުރުވާން ނެގީ އެންމެ 4 ދުވަހެވެ.