English Edition
Dhivehi Edition

އިންތިހާބު ލަސްކުރުމަށް ގާނޫނަށް ގެންނަ އިސްލާހުގެ ޑްރާފްޓް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން އެޕްރީލްމަހުގެ 04 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެޕްރީލްމަހުގެ 18 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ.ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހަލަތާ ގުޅިގެން އީސީއިން އިންތިހާބު ފަސްކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތު ނިމި ލިބޭ ދުވަސްކޮޅަކީ އިންތިހާބު ބޭއްވުމަށް އެކަށީގެންވާ މުއްދަތަކަށް ނުވުމުން ކޮމިޝަނުން ވަނީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެހެންނަމަވެސް މަޖިލީހުން އެކަމުގައި ހައްލު ހޯދައިދެވޭނެކަމަށް ބުނުމާއި ގުޅިގެން އީސީއިން ވަނީ ސުޕްރީމް ކޯޓަށް ލީ މައްސަލަ އަނބުރާ ނަގާފަ އެވެ.

އިންތިހާބު ލަސް ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، މުޅި އިންތިހާބު އެއްކޮށް ލަސްކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތައް ވެސް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ. އެއާ ހިލާފަށް މިހާރު ކުރިއަށް ގެންގޮސްފައިވާ ހިސާބުން މެދު ކަނޑާލައި އެހެން ތާރީހެއްގައި އިންތިހާބު ބޭއްވުމަށް އީސީގެ ހުރިހާ މެންބަރުން ވެސް އިއްތިފާގުވާކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު އެޕްރީލް 18 ވަނަ ދުވަހަށް ފަސްކޮށްފައިވާއިރު އެ ތާރީހަކީ ޤާނޫނީ ގޮތުން އިންތިހާބު ފަސްކުރުމުގެ ބާރު އީސީއަށް ލިބިގެންވާ އެންމެ ފަހުގެ ތާރީހެވެ.